ފުވައްމުލަކު ސިޓީގައި ބާއްވާ، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ވަގުތު ބޮޑުބެ ޗެލެންޖް 2025 މިއަދު ހަވީރު ފަށާނެއެވެ. އިންގިލާބީ ބަދަލެކެވެ. ފުވައްމުލަކު ސިޓީ ނުދެކޭ ފަދަ ފުޓްސަލްގެ ބޮޑު އީދެކެވެ. މުޅި ސިޓީ އެކީ ގުގުމާލާނެ މުބާރާތެކެވެ. ރާއްޖޭގެ ނަން މަޝްހޫރު އެތައް ތަރިންނެއްގެ ހުނަރު ފުވައްމުލަކު ސިޓީން ފެނިގެންދާނެއެވެ. މުޅި ރާއްޖޭގެ ލޯތައް ފުވައްމުލަކަށް އަމާޒުކޮށްލާނެ މުބާރާތަކަށް ބޮޑުބެ ޗެލެންޖް ވެގެންދާނެކަންވެސް ޔަގީނެވެ.
ޖުމުލަ 10 ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ބޮޑުބެ ފުޓްސަލް ޗެލެންޖް 2025 ގެ ގްރޫޕް އޭގައި ހިމެނެނީ ޔުނައިޓެޑް ދިގުވާޑާއި ޔުނައިޓެޑް ދިގުވާޑު ލެޖެންޑްސް، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ދޫނޑިގަލޯނާ އެސްސީ އަދި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ޔުނަިއޓެޑެވެ.
ގްރޫޕް ބީގައި ހިމެނެނީ ދޫނޑިގަލޯނާ ޖޫނިއާ، ހޯދަނޑު ސްޕޯޓްސް ކްލަބު، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ޖޫނިއާސް، އައްޔަނި އެސްސީ އަދި ޔުނައިޓެޑް ދިގުވާޑު ސްޓްރައިކާސްއެވެ.
މުބާރާތުގެ ތައްޔާރީތައް ނިމި، މާދަޑު ފުޓްސަލް ދަނޑު އޮތީ ޓީމުތަކަށް މަރުހަބާ ކިޔުމަށް ތައްޔާރުވެފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޔުނައިޓެޑް ދިގުވާޑާއި ޔުނައިޓެޑް ދިގުވާޑު ލެޖެންޑް ނުކުންނާނީ ހަވީރު 5:00 ގައެވެ. އެމެޗާއެކު މުބާރާތް ފެށިގެންދާ ނަމަވެސް، މިރޭ 8:00 ގައި ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.
މުޅި ފުވައްމުލަކުގެ ބައިވެރިވުން މުބާރާތުން މިހާރުވެސް ފެންނަމުންދާ އިރު، ހުޅުވުމުގެ ރަސްމިއްޔާތުގައި ދައްކުވައިދޭނީވެސް ފުވައްމުލަކުގެ މުއްސަނދި ސަގާފަތާއި، ރަށުގެ އުފާވެރި މާހައުލެވެ. ފުވައްމުލަކުގެ ހުނަރާއި ފަންނެވެ. މުޅި ފުވައްމުލަށް ރަމްޒުކޮށްދޭ ހުޅުވުމުގެ ރަސްމިއްޔާތަށްފަހުވެސް މިރޭ ތިން މެޗު އޮންނާނެއެވެ.
މުޙައްމަދު ޝަމްޢޫން
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް