ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، މޯލްޑިވްސް ނޭޝަނަލް ސާވިސްގައި މިހާތަނަށް 600 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.
އެ ހިދުމަތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އޭގެ ތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާ ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަންޖެހެ އެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ޕްރޮގްރާމުގައި މިހާތަނަށް 658 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އެއީ 538 ފިރިހެން ކުދިންނާއި 120 އަންހެން ކުދިން ކަމަށާއި އޭގެ ތެރެއިން 16 އަހަރާއި 18 އަހަރާ ދެމެދުގެ 316 ކުދިން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ޕްރޮގްރާމަށް މިހާ ބޮޑު ޝައުގުވެރިކަމެއް އޮތުމުން ދޭހަވަނީ މިފަދަ ކަންކަމަށް ރައްޔިތުންގެ އޮތް ތާއިދާއި އިތުބާރު ކަމަަށާއި އަދި 18 އަހަރުން ދަށުގެ ކުދިން ވެސް ޕްރޮގްރާމްގައި ބައިވެރިކޮށްފައިވާތީ، ކުދިންނަށް ހެޔޮ ގޮތްތައްވުމަށް ބެލެނިވެރިން ވެސް އެދޭ މިންވަރު ހާމަވާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން، އަހުލާގު ރަނގަޅު އަދި މަސައްކަތްތެރި ކުދިންތަކެއް މުޖުތަމައުއަށް ނެރެވޭނެ ކަމަށާއި ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް ސިފައިންގެއަށް ނޫނީ ފުލުހުންގެ ހިދުމަތަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ރައީސް އޮފީހުން ކުރިން ވަނީ އެ ޕްރޮގްރާމުގައި ބައިވެރިންނާއި ކުދިންނަށް އެލެވެންސެއް ވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"(އެލޮވެންސް) ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،“ ރައީސް ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު