ދުނިޔޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ މެޗުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އިނގިރޭސި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންޝިޕް ޕްލޭ އޮފް މެޗު ކާމިޔާބުކޮށް، ސަންޑަލޭންޑުން އެނބުރި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެއްޖެއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ލީޑްސް ޔުނައިޓެޑާއި ދެ ވަނައަށް ދިޔަ ބާންލީވެސް 100 ޕޮއިންޓް ހޯދައިގެން ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެފައިވާ އިރު، ތިންވަނަ ޓީމު ޔަގީންކުރަން ކުޅެން ޖެހޭނީ ޕްލޭ އޮފްއެކެވެ.

ސަންޑަލޭންޑުން ޕްލޭ އޮފް ފައިނަލްގައި ރޭ ޝެފީލްޑް ޔުނައިޓެޑް ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ވެމްބްލީގައި ކުޅުނު މެޗުން ސަންޑަލޭންޑް މޮޅުވީ އެންމެ ފަހު މިނެޓުގައި، އުމުރުން 19 އަހަރުގެ ޓޮމް ވޮޓްސަން ޖެހި ގޯލުންނެވެ.

ސަންޑަލޭންޑުން ފަހަތުން އަރާ މޮޅުވި އިރު، ޝެފީލްޑްގެ ގޯލު ފުރަތަމަ ޖެހީ ޓައިރީސް ކެމްބެލްއެވެ. އެގޯލާއެކު ޝެފީލްޑުން ލީޑުގައި ދެވަނަ ހާފަށް ނުކުތް ނަމަވެސް، 76 ވަނަ މިނެޓުގައި އެލިއޭޒާ މަޔެންދާ ސަންޑަލޭންޑަށް ނަތީޖާ އެއްވަރުކޮށްދިނެވެ.

މޮޅުވި ގޯލު، 95 ވަނަ މިނެޓުގައި ވޮޓްސަން ޖެހި އިރު، ސަންޑަލޭންޑް އެނބުރި ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ އަށް އަހަރު ފަހުންނެވެ. އެ އަށް އަހަރު ތެރޭގައި ސަންޑަލޭންޑަށް ތިންވަނަ ޑިވިޝަނުގައިވެސް ކުޅެން ޖެހިފައިވެއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގެ މެޗަކީ ކްލަބަކަށް އެންމެ ފައިދާ ބޮޑު މެޗެވެ. އެ މެޗުގެ ޓީވީ ރައިޓްސްގެ އިތުރުން އެހެނިގެން ފައިދާތަކާއެކު މޮޅުވާ ޓީމަކަށް ބޮޑު ފައިދާއެއް ޖެހެއެވެ. މިފަހަރުވެސް ސަންޑަލޭންޑަށް އެމެޗުން މޮޅުވެ، 220 މިލިއަން ޕައުންޑް ލިބިފައިވެއެވެ.