ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ފްރެންޗައިސް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ލީގު ބުރުގެ އެއްވަނަ ނުލިބޭނެކަން ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ޔަގީންވެއްޖެއެވެ.

އައިޕީއެލްގެ ޕްލޭ އޮފް ޖާގަތައް ޔަގީންވެފައި އޮތް އިރު، މިއަހަރު ޕްލޭ އޮފްއަށް ގޮސްފައި ވަނީ ބެންގަލޫރާއި ގުޖުރާތު ޓައިޓަންސް، ޕަންޖާބު ކިންގްސް އަދި މުމްބާއީ އިންޑިއަންސްއެވެ.

ގަދަ ހަތަރެއް ޔަގީންވެފައި އޮތް ނަމަވެސް، އެއްވެސް ޓީމަކަށް އަދި ތާވަލުގެ ޖާގަ ޔަގީންވެފައެއް ނެތެވެ. ރޭ ބެންގަލޫރުން ސަންރައިސް ހައިދްރައާބާދާ ދެކޮޅަށް ނުކުތީ އެއްވަނަ ހޯދުމަށް މޮޅުވާން މަޖުބޫރު މެޗަކަށެވެ.

އެ މެޗުން ބެންގަލޫރު ބަލިވީ 42 ލަނޑުންނެވެ. ލަކްނައުގެ އެކާނާ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބެންގަލޫރުން ނިންމީ ހޮވުމަށެވެ.

ހައިދްރައާބާދުން ކުޅެން އަރައި 20 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވި އިރު، ހެދުނީ 231 ލަނޑެވެ.

ހައިދްރައާބާދުގެ އިޝާން ކިޝާން 48 ބޯޅައިން 94 ލަނޑު ހެދި އިރު، ބަދަލުގައި ކުޅެން އަރައި ބެންގަލޫރަށް 19.5 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 189 ލަނޑެވެ.

ފިލް ސޯލްޓާއި ވިރާތު ކޯލީ މެޗު އަނބުރާލަން މަސައްކަތް ކުރި ނަމަވެސް، އެ ދެ ކުޅުންތެރިންނަށްވެސް އެންމެ އެކަށީގެންވާ ތަފާތެއް ނުދެއްކުނެވެ. ސޯލްޓަށް 32 ބޯޅައިން 62 ހެދުނު އިރު، ކޯލީއަށް ހެދުނީ 25 ބޯޅައިން 43 ލަނޑެވެ.