ކްލަބު ވޯލްޑް ކަޕްގައި ކުޅެން ޖެހޭ އިންގްލެންޑް ކުޅުންތެރިން، އަވަހަށް ކްލަބަށް ދޫކޮށްލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އިންގްލެންޑްގެ ކޯޗު، ތޯމަސް ޓުޗެލް ބުނެފިއެވެ.
އިންގްލެންޑުން މިވަގުތު ތައްޔާރުވަމުން ދަނީ ޖޫން ހަތްވަނަ ދުވަހު އެންޑޯރާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގެ އިތުރުން ޖޫން 10 ވަނަ ދުވަހު ސެނެގާލާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށެވެ.
ޓުޗެލް އިއްޔެ އިއުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ އަށް ކުޅުންތެރިޔަކު، އަންނަ މަހު 15 ގައި ފަށާ ކްލަބު ވޯލްޑް ކަޕްގައި ކުޅެން ޖެހެއެވެ. އެ މުބާރާތް ފަށަނީ އިންގްލެންޑުން ސެނެގާލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ނިމޭތާ ފަސް ދުވަސް ފަހުންނެވެ.
ފީފާއިން މިފަހަރު ބާއްވާ ކްލަބު ވޯލްޑް ކަޕަކީ މުޅިން އާ ފޯމެޓަކަށް ބާއްވާ މުބާރާތެކެވެ. ސީޒަން ނިމުމުން ކުޅޭ މުބާރާތް މަހެއް ދުވަހަށް ދެމިގެންދާނެއެވެ. މުބާރާތް އޮންނާނީ އެމެރިކާގައެވެ.
އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ބަޔާން މިއުނިކްވެސް ކްލަބު ވޯލްޑް ކަޕްގައި ކުޅޭ އިރު، އެ މުބާރާތުގައި ކުޅޭ ޗެލްސީގެ ފަސް ކުޅުންތެރިޔަކުވެސް އިންގްލެންޑް ސްކޮޑުގައި ހިމެނެއެވެ. ޗެލްސީ ކްލަބު ވޯލްޑް ކަޕްގައި ފުރަތަމަ ކުޅޭ މެޗު ޖޫން 16 ގައި އޮންނާނެއެވެ.
"އެކަމުގައި އެއްވެސް ކޯޗަކު އަހަންނާ ވާހަކައެއް ނުދައްކާ. އެހެން ގޮތަކަށް ވިސްނާ ނަމަވެސް، މިއީ އިންގްލެންޑަށް މުހިއްމު ކޭމްޕެއް. އެއީ ދެން ވޯލްޑް ކަޕަށް އޮތީ އެންމެ އަހަރަކަށްވީމަ. އަހަރެން ބޭނުމެއް ނޫން އަވަހަށް ކުޅުންތެރިން ކޭމްޕް ދޫކޮށް ދާކަށް. އެއީ އަހަރެން ބޭނުންވަނީ ހުރިހާ ކުޅުންތެރިން އެއްކޮށް ގިނަ ވަގުތު ހޭދަކުރަން،" ކުރިން ޗެލްސީއަށް ކޯޗުކަން ކޮށްދިން ޓުޗެލް ބުންޏެވެ.
ކްލަބު ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ ކޯޗުން، ގައުމީ ޓީމުތަކުގެ ކޯޗުންނަށް ކުޅުންތެރިންނަށް އަވަހަށް ރިލީސް ހޯދަން ވާހަކަ ނުދައްކާ އޮތް ނަމަވެސް، ކުޅުންތެރިންނަށް އެކަށީގެންވާ ރެސްޓް ނުލިބޭ ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ޓުޗެލް ބުނީ އެ ފާޑުކިޔުންތައް އެއް ގޮތަކުން ރަނގަޅު ނަމަވެސް، އެކަމަށްޓަކައި ކުޅުންތެރިންނަށް އަވަހަށް ރިލީސް ދިނުން އެއީ ގަބޫލުކުރާނެ އުސޫލެއް ނޫން ކަމަށެވެ. އެއީ ސްކޮޑުގެ ކޭމްޕަކީ ޓީމެއް ބިނާކުރުމަށް ބޭނުންތެރި ކަމަކަށްވާތީ ކަމަށެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް