މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސްގެ މަގާމަށް ކުރިއަށް އޮތް ދައުރަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓަކީ މިހާރުގެވެސް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ކަމަށް އޮލިމްޕިކް ކޮމިޓީން އިއުލާނުކޮށްފިއެވެ.

އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރު، 2025-2029 އަށް ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުުމަށް ހުޅުވާލީ އޭޕްރީލް 22 އިން ފެށިގެން، މިމަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ. މުއްދަތު ހަމަވިއިރު، ރައީސް ކަމަށް ކުރިމަތިލެއްވީ ސައްތާރު އެކަންޏެވެ.

ސައްތާރު ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ އިރު، ދާދިފަހުން އޭނާ ވަނީ ސްވިމިން އެސޯސިއޭޝަނުގެ ރައީސް ކަމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ.

އެމްއޯސީގެ ކުރިއަށް އޮތް ދައުރުގެ އިންތިހާބު އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވާ އިރު، އެ އިންތިހާބަށް 18 އެޕްލިކޭޝަނެއް ލިބިފައިވެއެވެ. އެހެންނަމަވެސް ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން އެކަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އެމްއޯސީގެ ނައިބު ރައީސްގެ މަގާމުގައި ދެ ބޭފުޅުން ތިއްބަވާ އިރު، އެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ މިހާރުވެސް ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި، ހޭންޑްބޯލް އެސޯސިއޭޝަނުގެ އަހުމަދު އިސްމާއީލާއި ޗެސް އެސޯސިއޭޝަނުގެ ފަރާތުން އަހުމަދު މުންތަގިމް (މުންތޭ) އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދެވެ.

އާއްމު މެމްބަރުންގެ ގޮތުގައި އެމްއޯސީގެ އެކްސްކޯގައި ހިމެނޭ އޮލިމްޕިކް ސްޕޯޓްސްގެ ހަ ޖާގައަށް ނުވަ އެސޯސިއޭޝަނަކުން ކުރިމަތިލާފައިވާ އިރު، ނޮން އޮލިމްޕިކް ސްޕޯޓްސްގެ ޖާގައަށް ކުރިމަތިލާފައި ވަނީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނާއި ބޮޑީ ބިލްޑިން އެސޯސިއޭޝަނުންނެވެ. އަންހެން ދެ މެމްބަރުންގެ ޖާގައަށް ކުރިމަތިލާފައި ވަނީ ނެޓްބޯލް އެސޯސިއޭޝަނާއި ޝޫޓިން އެސޯސިއޭޝަނެވެ.