ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުން ބަދަލުގެ ގޮތުގައި ފައިސާ ނަގައިދޭން އެދުނު ދައުވާތަކެއް ސާބިތުކުރަން ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައިދޭން ބަންޑާރަ ނައިބުގެ އޮފީހުން ފުލުހަށް ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމުލަ ތިން މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެއީ އެންވަޔަރަމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ އެއް މައްސަލައަކާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައި ކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެއް ކަމަށް ބުންޏެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ސެންޓަ އެންޓަޕްރައިސަސް އިން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުލަތާއި އެ ކުންފުންޏާ ދެމެދު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނާ މުއާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެ ކަމަށެވެ.
އަދި އެ މުއާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުންތައް ދައުލަތުން އިސްތިއުނާފުކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އިތުރަށް ބުނީ އެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށް، ކުރެވުނު މަޝްވަރާތަކުގައި އެ މައްސަލަތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމަށް އެދުމުން އެ އޮފީހުން ހެދި އޮޑިޓްގެ ޕްރިލިމިނަރީ ރިޕޯޓެއް ހިއްސާކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ސެންޓަ އެންޓަޕްރައިސަސް އިން ސިވިލް ކޯޓަށް ސައްހަ ނޫން އިންވޮއިސެއް ހުށަހަޅާފައިވާ ކަމަށާއި ރާއްޖެއަށް އެތެރެކޮށްފައި ނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ބުންޏެވެ.
"އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމާއި އެ މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކަމާގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާދެއްވާފައިވެއެވެ. އެހެންކަމުން އެ މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުން މުހިންމު ކަމަށް މި އޮފީހަށްވެސް ފެންނާތީ، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މި މައްސަލަ ތަހުގީގުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި މި އޮފީހުން ވާނީ އެދިފައެވެ." ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވެއެވެ.
އެނގިފައިވާ ގޮތުގައި ފޭކް އިންވޮއިސްއެއް ހަދާފައިވަނީ ރާއްޖެއަށް މެޑިކަލް ހިދުމަތްދޭ ސާމާނު ފުޅާ ދާއިރާއެއްގައި އެތެރެކުރާ ކުންފުންޏެއްގެ ނަމުގަ އެވެ. އެ ކުންފުނިން ސެންޓަ އެންޓަޕްރައިސަސްއަށް 12.4 މިލިއަން ރުފިޔާގެ މުދާ ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް އެ އިންވޮއިސް ހުށަހަޅައިގެން ކޯޓުގައި އެ ކުންފުނިން ވަކާލާތުކޮށްފައިވެ އެވެ. ނަމަވެސް ކްރެޑިޓަށް މުދާ ދޫކުރި ކަމަށް ބުނާ ކުންފުނިން ވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށްފައެވެ.
އެ މައްސަލައިގައި ދައުލަތުން ސެންޓަ އެންޓަޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދައްކަން ޖެހުނުއިރު، މެޑިކަލް ހިދުމަތަށް ބޭނުންވާ މުދާތަކަކަށްވާ ފައިސާ ނުލިބިގެން ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދައުލަތުން ދައްކަންޖެހޭ ކަމަށް މިދިޔަ ފެބުރުއަރީ މަހު ހައިކޯޓުން ވެސް ހުކުމެއް ކޮށްފައިވެ އެވެ.
މީގެ އިތުރުން ސެންޓަ އެންޓަޕްރައިސަސް އިން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ވަނީ ހުކުމްކޮށްފައެވެ.
އެޓަރނީ ޖެނެރަލްސް އޮފިސް
އެޓަރނީ ޖެނެރަލްސް އޮފިސް