ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލައިފިއެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ބެންޗުން ދެ ފަނޑިޔާރުގެއް ޖާގަ ހުސްވީ ކުރިން އެ މަގާމުގައި ތިއްބެވި އަޒްމިރަލްދާ ޒާހިރު އަދި މަހާޒް ޒަހީރު، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މިމަހު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުންނާ ތަހުގީގު ކުރި ސުލޫކީ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށްއެދި މަޖިލީހަށް ފޮނުވުމުންނެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 17 ގަ އެވެ. އެއީ މިއަދަށް މުއްދަތު ހަމަވާ ގޮތަށެވެ.

މިއަދަށް މުއްދަތު ހަމަވި އިރު ފަނޑިޔާރުގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެ ތެރޭގައި ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ފައިސަލް، ހައިކޯޓު ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހައިކޯޓުގެ ކުރީގެ ދެ ފަނޑިޔާރެއް ކަމަށްވާ އަބްދުﷲ ހަމީދު، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން ހިމެނެއެވެ.

އެ ބޭފުޅުންގެ އިތުރުން ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް، ކުރީގެ މެޖިސްޓްރޭޓެއް ކަމަށްވާ މުހައްމަދު ރާޣިބް އަހުމަދު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަދި ސިވިލް ކޯޓުގެ ގާޒީގެ މަގާމު އަދާކުރައްވާފައިވާ މަރިޔަމް ނިހާޔަތު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވައިފައެވެ.

އަދި ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދު، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަދ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ގާނޫނީ ވަކީލް އިބްރާހިމް އަލީ، ގާނޫނީ ވަކީލް، މަހައްމަދު އިބްރާހިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވައިފައެވެ.