ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަށް ކަމަށްވާ ނޯތް ކޮންސްޓްރަކްޝަނަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު 44 މިލިއަން ރުފިޔާ ދިނުމުގެ ސަބަބުން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އާސަންދައިގެ ފަރާތުން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ ހަ ބުރީގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށެވެ. ސެޕްޓެމްބަރު 2016 ގައި ހަވާލުކުރި އެ ޕްރޮޖެކްޓުގެ އަގަކީ 61 މިލިއަން ރުފިޔާއެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާކޮށްފައި އޮތެވެ.

އެ ޕްރޮޖެކްޓް ނިންމަން 15 މަސް ދުވަހުގެ މުއްދަތެއް ދިން ނަަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި ޖޫން 2017 ގައި ބަޖެޓް މައްސަލަތަކަކާ ހުރެ އާސަންދަ އިން ޕްރޮޖެކްޓް މަޑުޖައްސާލަން އެންގިއެވެ. އެކަމާ ގުޅިގެން ނޯތު ކޯސްޓަށް ގެއްލުންވި ކަމަށް ބުނެ ސަރުކާރާއެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެހެން މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކުންފުންޏަށް ދޫކޮށްފައިވެއެވެ.

އޮޑިޓް އޮފީހުން މިމަހުގެ 15 ވަނަ ދުވަހު އާންމުކުރި އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އާސަންދައިގެ ފައިނޭންޝަލް ސްޓޭޓްމެންޓުން ވަނީ އަލީ ހަމީދުގެ ކުންފުނި ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް، 2016 ވަނަ އަހަރު ދޫކުރި އެޑްވާންސް ފައިސާ އުނިކޮށްފައެވެ. އެހެންވެ އާސަންދަ ކުންފުންޏަށް މިދިޔަ އަހަރު 470 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އާސަންދަ ކުންފުނީގެ 2023 ވަނަ އަހަރުގެ ފައިދާއަކީ އެންމެ ހަތް މިލިއަން ރުފިޔާއެވެ.

ނޯތް ކޮންސްޓްރަކްޝަނަށް ދޫކުރި 44 މިލިއަން ރުފިޔާ އާސަންދައިގެ މާލީ ހިސާބުތަކުން އުނި ކުރި ނަމަވެސް ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ފުރުސަތު އާސަންދަށް އޮންނާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ނޯތް ކޮންސްޓްރަކްޝަނަށް ކުންފުންޏަށް އެޑްވާންސަށް ފައިސާ ދޫކުރި ނަމަވެސް ހޮސްޕިޓަލުގެ އެއްވެސް މަސައްކަތެއް އެ ކުންފުނިން ކޮށްފައެއް ނުވެއެވެ.

އެހާ ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ދޫކުރި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވެސް މިދިޔަ އަހަރު ފެންމަތި ކުރިއެވެ.

ނޯތް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާ ދިން މައްސަލައިގައި ތަހުގީގު އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ 26 ޑިސެމްބަރ 2024 ގައި ފުލުހުންނަށް އަންގައިފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ ދުވަހު ބުނެފައިވަނީ އެ މައްސަލައަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް އެ އޮފީހަށް ފެންނާތީ، އެ މައްސަލައަށް އިތުރު ސަމާލުކަމެއް ދީ، މައްސަލައަށް ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތް އިރު، އެ މެންބަރުންގެ ތެރޭގައި އަލީ ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ.