1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނު ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އެ ބިލު ތަސްދީގު ކުރެއްވީ މިއަދު ރައީސް އޮފީހުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އެ ގާނޫނާ ގުޅޭ ގޮތުން ބައެއްކަންކަން ފާހަގަ ކުރައްވައިފައެވެ. އަދި އެ ގާނޫނާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އެ މަނިކުފާނު ވަނީ ޖަވާބު ދެއްވައިފައެވެ.

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ހުށަހެޅުއްވި އެ ބިލު، ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަަ ދުވަހު ބޭއްވި ޖަލްސާގައެވެ. މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ 1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަައް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުން ކަމަށެވެ.

މި ގާނޫނުުގެ ހަ ވަނަ މާއްދާގައި އޮންނަނީ، ދުންފަތުގެ އެއްްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް، 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށެވެ.

ނަމަވެެސް މަޖިލީހަށް ފޮނުވާފައިވާ ބިލުން އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކުން ދުންފަތުގެ ބާާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް އަދި އުފެއްދުމެއް އެފަދަ ފަރާތަަކަށް ވިއްކުމަކީ މަނާކަމެއް ކަމަށްވެސް ހިމަނާފައިވެއެވެ. އެއާއެކު 21 އަހަރުންދަށުގެެ އެއްވެސް ފަރާތަކަށް އެފަދަ އެއްޗެއް ވިއްކުމަކީ މަނާކަމެއްް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކުން ނޫނީ، ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށާއި ގަންނަނީ ކާކުކަން ނޭނގޭ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންވެސް ދުންފަތުގެ ބާވަތެއް ވިއްކަންވާނީ، އެ ގަންނަ ފަރާތަކީ ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުން މަނާކޮށްފައިނުވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް، އައިޑީކާޑު ނުވަތަ އެމީއެއްގެ އުމުރުން އަންގައިދޭ ރަސްމީ ލިއުމެއް ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ.

އިތުރު މާއްދާއެއްގެ ގޮތުގައި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަ ކޮށްފައިވާ މެޝިނަރީ އާއި އާލާތްތައް ރާއްޖެ އެތެރެކުރުން ހިމެނުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ގެންގުޅުމުގެ އިތުރުން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެކަންކަަމަށް ބޭނުންކުރާ އާލަންތައް ގެންގުޅޭ މީހުގެ އަތުން އަތުލުމާއި އެތަކެތި ނައްތާލުމުގެ އިޖުރާއައްތައް ވަނީ ބަޔާންކޮށްފައެވެ.

މީހާގެ އުމުރާއި ކާކުކަން އަންގައިދޭ އައިޑީކާޑު ފަދަ ރަސްމީ ލިއުމެއް ބެލުމަށްފަހު، ގާނޫނު ހުއްދަ ކުރާ ފަރާތަަކަށް ނޫނީ ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ލާޒިމްކޮށްފައިވެސް މި ބިލުގައިވެއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާގެ ގޮތުގައި މާއްދާއެއް އިތުރުކުރުކޮށް ބިލުގައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ތަނަކުން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް ހިމަނައިފައެވެ.

ގަންނަނީ ކާކުކަން ނޭނގޭ ގޮތަށް، ވެންޑިން މެޝިނަކުން، ނުވަތަ ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލަންކޮށް އަދި އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަނަކުންވެސް އެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާ އިރު، އެ ގަންނަ މީހަކީ، ދުންފަތުގެ ބާވަތްތައް ގަތުމަށް މި ގާނޫނުން މަނާކޮށްފައިވާ ފަރާތެއް ނޫންކަން ޔަގީން ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ.

"ދުންފަތުގެ ބާވަތް ގަންނަ ފަރާތަކީ އެފަދަ ފަރާތެއް ކަމަށް ބެލެވޭނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ، އެ ފަރާތުގެ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިއުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެ ފަރާތުން ދެއްކުމަށްފަހު މެނުވީ ދުންފަތުގެ ބާވަތެއް ވިއްކައިގެންނުވާނެ،" ބިލުގައިވެއެވެ.