އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، އާސެނަލުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޔަގީން ކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗާއެކު އާސެނަލް މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 37 މެޗުން 71 ޕޮއިންޓާއެކުގައެވެ. ނިއުކާސަލް ތިންވަނައިގައި، 37 މެޗުން 66 ޕޮއިންޓާއެކު އޮތް އިރު، އެޓީމަށް އަދި ޗެމްޕިއަންސް ލީގު ޔަގީނެއް ނުވެއެވެ.

ޗެލްސީ ހަތަރު ވަނައިގައި 37 މެޗުން 66 ޕޮއިންޓާއެކު އޮތް އިރު، ފަސްވަނައިގައި އޮތް އެސްޓަން ވިލާއާއި ހަވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަދި ހަތް ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށްވެސް އަދި ޗެމްޕިއަންސް ލީގުގެ ފުރުސަތު އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ފަހު ތިން ޖާގަ ކަނޑައެޅި، ޔަގީން ކުރެވޭނީ ލީގުގެ ަހު މެޗުތަކުންނެވެ. ދެން ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

ރޭގެ މެޗު ފަށައިގެން ބޮޑަށް ނުރައްކާ ކުރަމުން ދިޔައީ ނިއުކާސަލްއިންނެވެ. އެޓީމުން ބޮޑަށް އެޓޭކަށް މަސައްކަތް ކޮށް ހަމަލާތައް އުފެއްދި އިރު، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްައެވެ.

ބްރޫނޯ ގިމަރޭޝްއާއި ހާވީ ބާންސް އަދި ޑެން ބާނާއި ސްވެން ބޮޓްމެންގެ ހަމަލާތައްވެސް މަތަކުރީ ރާޔާއެވެ. ނިއުކާސަލްއަށް މި ސީޒަނުގައި ގިނަ ގޯލުތަކެއް ޖެހި އެލެކްސެންޑާ އިސާކާ ނުލާ އެޓީމުން ކުޅެމުން ދިޔަ އިރު، އާސެނަލުން ދެވަނަ ހާފުގެ ކުރީކޮޅުގައި ގޯލު ޖެހިއެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ޑެކްލަން ރައިސް ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައި، ކާމިޔާބުކުރި ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ.

އެ ގޯލާއެކު އާސެނަލުން މެޗުގެ ކޮންޓްރޯލް ހޯދައި، ތިން ޕޮއިންޓް ޔަގީންކުރިއެވެ.