މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ރައުދު ހައްޔަރުކުރީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.

ރައުދުގެ ފަރާތުން އޭނާގެ ބަންދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ ގާނޫނާ ހިލާފަށް ބަންދުކުރި ކަމަށް ބުނެއެވެ. އެ މައްސަލަ ހައިކޯޓުން މިހާރު ބަލައިގަނެފައިވާ އިރު، އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ރައުދުގެ ފަރާތުން އިސްތިއުނާފީ ފަސް ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފީ ނުކުތާތައް:

  1. ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ ފަނޑިޔާރު އަމިއްލައަށް މުއްދަތު ޖެހުން
  2. ފަނޑިޔާރު ހަވާލާދިން މާއްދާއާ ހިލާފަށް ބަންދުގެ މުއްދަތު ޖެހުން
  3. ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ހެކި ހުށަހެޅުން
  4. ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ބަންދުގެ މުއްދަތު އިތުރު ކޮށްދޭން އެދުން
  5. އާ ހެއްކެއް ހުށަހަޅާފައި ނެތިސް ހެކީގެ ނިސްބަތް، ދަރަޖަ މަތިކުރުން

ރައުދު ހައްޔަރުކުރިއިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރިއެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތާއި މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ، ޖިންސީ ބޭނުން ހިފުމުގެ ކުށް އުނިކޮށްފައެވެ.