އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް"ގެ ތިން ވަނަ ފިޔަވަހީގެ ދަށުން 13 މަޝްރޫއެއް ރާއްޖޭގައި ހިންގަން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 13 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަނެވެ. އެ މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

ފޮރިން މިނިސްޓްރީގެ އޮފިިޝަލަކު "ވަން އަށް ވިދާޅުވީ ޖުމްލަ 100 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ހިންގާ އެ 13 މަޝްރޫއުގެ ތެރޭގައި ހިމެނެނީ ރ. އަދި ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ 12 ފެރީ ބަނުމާއި ރ. އުނގޫފާރުގައި ފެރީ ޓާމިނަލެއް ހެދުން ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ، އިންޑިއާ އިން ރާއްޖެއަށް ފޯރުކޮށް ދޭ މިފަދަ އެހީތަކަކީ އަބަދުވެސް ފާހަގަކޮށްލެވޭ، ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވި، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ މިސާލެއް ކަމަށެވެ.

އެގޮތުން މިއަދު ސޮއިކުރި މަޝްރޫއުތަކަކީ މުޖުތަމައުގެ އުމްރާނީ ތަރައްްގީއަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ދިގު މުއްދަތަކަށް ފައިދާ ލިބޭ ގޮތަށް އަމާޒުކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫއުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ ނުވަ އަތޮޅެއްގެ 81 ރަށެއް ގުޅާލައި ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި މުޅި މަޝްރޫއު 2027 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން މި މަޝްރޫއުތައް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމްގެ ތިން ވަނަ ފިޔަވަހި އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.