އިންޑިއާގައި ބަނގުރާ ކަައްކައިގެން ބުއޮގެން މަރުވި މީހުންގެ އަދަދު 27 އަށް އަރައިފިއެވެ.

އިންޑިއާގެ އުތުރުން އޮންނަ ޕަންޖާބުގައި ބަނގުރާ ކައްކައިގެން އެ ބުއި މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު އިއްޔެ ވަނީ 27 އަށް އަރާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޕަންޖާބުގައި ވިއްކާފައިވާ ކަމަށް ބެލެވޭ ބަނގުރާ އަޅާފައި ހުރި ފުޅިތައް އަގުހެޔޮކޮށް ގަނެ ގިނަ ބަޔަކު ވަނީ ބޮއެފައެވެ.

ޕަންޖާބުގެ އަމްރިޓްސާގައި ވިއްކި ރާފުޅިތައް ބޮއެގެން ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ހޮސްޕިޓަލުތަކުގައި މީހުން އެޑްމިޓް ކުރަން ފެށުމާއެކު ފުލުހުން ވަނީ އެމައްސަލަ ބަލަން ފަށާފައެވެ.

ޕަންޖާބުގެ ފުލުހުން ވަނީ އެކެއްކުމުގައި ބޭނުންކޮށްފައިވާ އާލާތްތަކުގެ ސަބަބުން ބަނގުރާގައި ނުރައްކާ މާއްދާއެއް އުފެދި އެކަމުގެ ސަބަބުން އެބުއި މީހުންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ކަމަށް ފާހަގަކޮށްފައެވެ.

އެމައްސަލައާ ގުޅިގެން މިހާތަނަށް 20 މީހަކު ހައްޔަރުކޮށްފައިވާ އިރު އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހާވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޕަންޖާބުގެ ފުލުހުން ވަނީ އެއަވަށުގެ ސަރުކާރާ ގުޅުން ހުރި ހަތަރު މީހަކުވެސް އެމައްސަލައިގައި ހައްޔަރުކުރި ކަމަށް ބުނެފައެވެ.

ޕަންޖާބު ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ ބަދަލުގެ ގޮތުގައި އާއިލާއަށް އެއް މިލިއަން ރުޕީސް ދޭނެ ކަމަށް ބުނެފައެވެ.