ފޯރިގަދަ ބީޗް ފެސްޓުގެ ކުޅިވަރުތަކާއެކު "މައި ހުޅުމާލޭ ފެސްޓިވަލް" ނިންމާލައިފިއެވެ.

"މައި ހުޅުމާލޭ ފެސްޓިވަލް" އަކީ ހުޅުމާލޭގައި މީހުން އާބަދުވިތާ 21 އަހަރު ފުރުމުގެ މުނާސަބާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ.

17 މެއި 2025، ހުޅުމާލެ، ހުޅުމާލޭގައި މީހުން އާބަދުވިތާ 21 އަހަރު ފުރުމުގެ މުނާސަބާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ "މައި ހުޅުމާލެ ފެސްޓިވަލް" ފޯރިގަދަކަމާއެކު ނިންމާލުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ހުޅުމާލޭގައި "މައި ހުޅުމާލޭ ފެސްޓިވަލް" ނިންމާލާފައިވަނީ، އެ ފެސްޓިވަލުގައި ހިމެނޭ އެންމެ ފަހު ހަރަކާތް ކަމަށްވާ ބީޗް ފެސްޓާއެކުއެވެ. ބީޗް ފެސްޓުގެ ކުޅިވަރު ހަރަކާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލެވެ.

ހަ ކުޅިވަރެއްގައި ގިނަ ޓީމުތަކެއްގެ ބައިވެރިވުމާއެކު ބީޗް ފެސްޓް ކުރިއަށްދިޔައީ ހުޅުމާލޭ ފޭސް އެކެއްގެ ބީޗް ސްޓްރެޗްގައެވެ. ބީޗް ފެސްޓުގައި ކުރިއަށްގެންދިޔަ ކުޅިވަރުތަކަކީ ޕާކް ވޮލީބޯޅަ، ހޭންޑްބޯޅަ، 3އޮން3 ބީޗް ފުޓުބޯޅަ، ވާދެމުން (ޓަގް އޮފް ވޯ)، ކެނޯ ރޭސް އަދި ފަލިޖެހުމެވެ. އެއިން ކޮންމެ ކުޅިވަރު މުބާރާތެއް ކާމިޔާބުކުރި ޓީމަކަށް ފައިސާގެ އިނާމެއް ވެސް ދީފައެވެ.

17 މެއި 2025، ހުޅުމާލެ، ހުޅުމާލޭގައި މީހުން އާބަދުވިތާ 21 އަހަރު ފުރުމުގެ މުނާސަބާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ "މައި ހުޅުމާލެ ފެސްޓިވަލް" ފޯރިގަދަކަމާއެކު ނިންމާލުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ފައިސާގެ އިނާމުތައް:

  • ހޭންޑްބޯޅަ - 5000 ރުފިޔާ
  • 3އޮން3 ބީޗް ފުޓުބޯޅަ - 5000 ރުފިޔާ
  • ވާދެމުން (ޓަގް އޮފް ވޯ) - 5000 ރުފިޔާ
  • ފަލިޖެހުން - 5000 ރުފިޔާ
  • ކެނޯ ރޭސް - 5000 ރުފިޔާ
  • ޕާކް ވޮލީބޯޅަ - 5000 ރުފިޔާ

މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ "މައި ހުޅުމާލޭ ފެސްޓިވަލް" ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ. އެ ހުރިހާ ހަރަކާތްތަކެއް ކުރިއަށްގެންދިޔައީ އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައެވެ. އެ ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހާއްސަ ހަރަކާތްތައްވެސް ހިމެނުނެވެ.

17 މޭ 2025، ހުޅުމާލެ، "މައި ހުޅުމާލެ ބީޗް ފެސްޓް" ގެ ފޯރިގަދަ ކުޅިވަރުތަކުގެ ތެރެއިން ބީޗް ހޭންޑްބޯލް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"މައި ހުޅުމާލޭ ފެސްޓިވަލް" ގެ ބައެއް ހަރަކާތްތައް:

  • ފޮޓޯގްރަފީ ކޮމްޕެޓިޝަން
  • ފެމިލީ ކާނިވަލް
  • ހުޅުމާލޭ ޑިސްކައުންޓް ވީކް
  • ހެލްތު ކޭމްޕް
  • ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް
  • މަސްރޭސް
  • ސައިކްލިން ޗެމްޕިއަންޝިޕް
  • ބީޗް ފެސްޓް

ހުޅުމާލޭގައި ރަސްމީކޮށް މީހުން އާބާދުވެފައިވަނީ 2004 ވަނަ އަހަރުގެ މެއި 12 ގައެވެ.