ފުވައްމުލަކު ސިޓީގައި ބާއްވާ، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ވަގުތު ބޮޑުބެ ޗެލެންޖް 2025 ގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

މުލަ 10 ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، މުބާރާތުގައި ރާއްޖޭގެ ފުޓްސަލް ތަރިން ފެނިގެންދާނެއެވެ. ރޭ ބޭއްވި ގުރު ނެގުމުގެ އިވެންޓްގައިވެސް މުބާރާތް އިންތިޒާމް ކުރާ ޓީމުގެ ބައިވެރިންނާއި ޓީމުތަކުގެ އޮފިޝަލުންނާއި މެނޭޖަރުން ބައިވެރިވެފައިވެއެވެ.

ދިހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އޭގެފަހުން ދެން އޮންނާނީ ކުއާޓާ ފައިނަލް މެޗުތަކެވެ. ކުއާޓާއަށްފަހު ސެމީ ފައިނަލް ކުޅެ، ފައިނަލަށް ޓީމުތައް ދަތުރުކުރާނެއެވެ.

ރޭ ބޭއްވި ގުރު ނެގުމުގެ އިވެންޓް ތެރެއިން ---

ބޮޑުބެ ފުޓްސަލް ޗެލެންޖް 2025 ގެ ގްރޫޕް އޭގައި ހިމެނެނީ ޔުނައިޓެޑް ދިގުވާޑާއި ޔުނައިޓެޑް ދިގުވާޑު ލެޖެންޑްސް، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ދޫނޑިގަލޯނާ އެސްސީ އަދި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ޔުނަިއޓެޑެވެ.

ގްރޫޕް ބީގައި ހިމެނެނީ ދޫނޑިގަލޯނާ ޖޫނިއާ، ހޯދަނޑު ސްޕޯޓްސް ކްލަބު، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ޖޫނިއާސް، އައްޔަނި އެސްސީ އަދި ޔުނައިޓެޑް ދިގުވާޑު ސްޓްރައިކާސްއެވެ.

މިމަހު 25 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ބޮޑުބެ ޗެލެންޖް ވެގެންދާނީ ފުވައްމުލަކުގެ ފުޓްސަލްއަށް އިންގިލާބެއް ގެނެސްދޭނެ މުބާރާތަކަށެވެ. މިއީ މިހާތަނަށް ފުވައްމުލަކަށް އަންނަ އެންމެ ބޮޑު ފުޓްސަލްގެ އީދެވެ.

ހިތްގައިމު ލަވައެއްވެސް މުބާރާތަށް ނެރެފައިވާ އިރު، މުޅި ފުވައްމުލަކުގެ ބައިވެރިވުން މުބާރާތުގައި އޮތްކަން އެ ލަވައިންވެސް ފެނިގެން ދެއެވެ.

ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެ މުބާރާތަކީ މިހާތަނަށް ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ އަގުހުރިވެސް ފުޓްސަލް މުބާރާތެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ މިހާރުވެސް ޓީމުތަކުން ވަރުގަދައަށް މުބާރާތަށް ތައްޔާރުވަމުން އަންނަ ކަމަށާއި ޔަގީނުންވެސް ރާއްޖޭގެ ފުޓްސަލް ގިނަ ތަރިންތަކެއް މުބާރާތުން ފެނިގެންދާނެ ކަމަށެވެ.

ބޮޑުބެ ޗެލެންޖް އިންތިޒާމުކުރަނީ ބޮޑުބެ ގްރޫޕުންނެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.