ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ އަމަލުތަކާއި ބަސްމަގު ބެހެއްޓުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއް އޮވެއެވެ. އެކަމަކު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ޖެހުނީމާ އެޒާތުގެ އެއްވެސް ހަމައެއް އުސޫލެއް ނޯވެއެވެ. ހުރިހާ އުސޫލުތަކެއް އޭނާ ވަނީ މުުގުރައި އަވަދިކޮށްފައެވެ. މި ލިޔުމުގެ ބޭނުމަކީ މިދެންނެވި މަގުން އޭނާ މުގުރާފައިވާ އުސޫލުތަކުގެ ދިގު ލިސްޓެއް ބަޔާންކުރުމެއް ނޫނެވެ. މިހާރު އޭނާ ގަލްފުގެ އަރަބި ގައުމުތަކަށް ކުރަމުން ގެންދާ ހަތަރު ދުވަހުގެ ދަތުރުގައި މުގުރައިލެވުނު ބައެއް އުސޫލުތަކަށް ބަލައިލުމެވެ. ޓްރަމްޕުގެ މިދަތުރުގެ އެންމެ ފުރަތަމަ މަންޒިލަކީ ސައޫދީ އަރަބިޔާއެވެ. އެއަށްފަހު ގަތަރެވެ. ދެން ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ. މިއީ ޓްރަމްޕުގެ ވެރިކަމުގެ މިދައުރުގައި މިހާތަނަށް ގައުމުން ބޭރަށް އޭނާ ކުރާ އެންމެ ދިގު ދަތުރެވެ. މި ދަތުރުގައި އޭނާ މުގުރައިލި ޑިޕްލޮމަސީގެ ހަމަތަކާއި އޭނާގެ ފަރާތުން ފެނިފައިވާ އާދަޔާ ޚިލާފު ކަންކަމަކީ ކޮބައިބާވައެވެ. ބަލައިލަމާ ބަހީއެވެ. ވަރަށް ޝައުގުވެރިކުރަނިވި ކަންކަން އެބަހުއްޓެވެ. ލިސްޓު ފަށަން ޖެހެނީ އެންމެ ފުރަތަމަ ސައޫދީ އަރަބިޔާއިންނެވެ.
ސީރިޔާގެ އައްޝާރާއާ ބައްދަލުކުރުން
ޓްރަމްޕުގެ މިދަތުރުގައި ސީރިޔާއެއް ނުހިމެނެއެވެ. އެކަމަކު ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގައި އޭނާ ސީރިޔާގެ އައު ރައީސް އަހުމަދު އައްޝަރައުއާ ބައްދަލުކޮށްފިއެވެ. މިއީ އެމެރިކާއާއި ސީރިޔާގެ ވެރިންގެ މެދުގައި ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި ބޭއްވުނު މިޒާތުގެ ފުރަތަމަ ސީދާސީދާ ބައްދަލުވުމެވެ. އައްޝަރައުއަކީ ކާކުހެއްޔެވެ؟ ހައިއަތު ތަހުރީރު އައްޝާމް ޖަމާއަތުގެ ވެރިޔާއެވެ. އެއީ ކޮން ޖަމާއަތެއް ހެއްޔެވެ. އެއީ އަދިވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާއިން ލިސްޓްކޮށްފައިވާ ޖަމާއަތެކެވެ. އުސާމާ ބިން ލާދިންގެ އަލްގައިދާ ޖަމާއަތުގެ ސީރިޔާ ގޮތްޕަކީ އެއީކަމަށް ބަލައިގެންނެވެ. އެވަރަކުން އަދިނުނިމެއެވެ. މީގެ ހަތަރުމަސް ކުރިއާ ހަމަޔަށްވެސް އައްޝަރައުއަކީ އެމެރިކާއިން އޭނާގެ ބޮލަށް ދިހަ މިލިޔަން ޑޮލަރު ހުށައަޅާފައިވާ މީހެކެވެ. ބޮޑު އިނާމެއް ހުށައަޅައިގެން ހައްޔަރު ކުރުމުގެ ރަތް ނޯޓިސް ނެރެފައިވާ " ޓެރަރިސްޓް" އެކެވެ. އެންމެފަހުން މިޖެހުނީ ކޮންތާކުތޯއެވެ. އެމެރިކާގެ ރައީސް އޭނާއާ ބައްދަލުކުރީއެވެ. ތާރީފުވެސް ކުރީއެވެ.
އައްޝަރައުއަށް ތާރީފުކުރަމުން ބުނީ ކީކޭ؟
އައްޝަރައުއާ ބައްދަލުކުރުމުން ލިބުނު ތަޖުރިބާއަކީ ކޮބައިތޯ އަދި ކުރެވުނު އިހުސާސަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕު ބުންޏެވެ. އަސްތަ އަސްތާއެވެ. ވަރަށްވެސް ވަރުގަދަ ޝަޚުސިއްޔަތެކެވެ. ވަރަށް ޒުވާނެވެ. ވަރަށްވެސް ވަރުގަދައެވެ. އެހާމެ ރީތިވެސް މީހެކެވެ. އޭނާގެ މާޒީވެސް އެހާ ވަރުގަދައެވެ. އެހެންވާނެ ނޫންހެއްޔެވެ. ކުރީގައި ހަގުރާމަވެރިއެއް ވިއްޔާއެވެ. އަމާޒަށް ބަޑިޖަހަން ވަރަށްވެސް ކުޅަދާނަކަމަށް ފެނެއެވެ. އެކަން މިބައްދަލުވުމުންވެސް ފެނުނެވެ. ވާހަކަދެއްކުމާއި ކަންކަން ލިބިގަތުމުގައެވެ. އަހަރެން އެދުނީ ފަލަސްތީނުގެ ހަގުރާމަވެރިން ސީރިޔާއިން ބޭރުކުރުމަށާއި އިޒްރޭލާ ގުޅުން އުފެއްދުމަށެވެ. އެކަންކަން ކުރުމުގެ ޝަރުތެއްގެ ގޮތުން އޭނާ އެދުނީ އެމެރިކާގެ އިންވެސްޓްމަންޓާއި ސިޔާސީ އެކުވެރިކަމެވެ. އަހަރެމެން އެކަންކަން ފުރިހަމަކޮށްދޭނަމެވެ. ސީރިޔާގެ ތެލުގެ އިންޑަސްޓްރީ އަލުން އާރާސްތުކޮށްދޭނަމެވެ. އެހެންވީމާ އަމާޒަށް ބަޑިޖަހަން އައްޝަރައު ކިހާ ކުޅަދާނަ ހެއްޔެވެ.
ގަތަރުގެ އަގުބޮޑު ހަދިޔާ ގަބޫލުކުރުން
ޓްރަމްޕުގެ މެދުއިރުމަތީ ދަތުރުގެ ދެވަނަ މަންޒިލަކީ ގަތަރެވެ. ކުޑަކުޑަ ގަތަރެވެ. އެކަމަކު މުއްސަނދިކަމުގެ ގޮތުން ބިޔަ އަދި ބާރުގަދަ ގަތަރެވެ. މިއީ އެމެރިކާގެ ރައީސަކު ގަތަރަށް ކުރި ރަސްމީ ފުރަތަމަ ޒިޔާރަތެވެ. އެ ޝަރަފު ނުވަތަ ރިކޯޑުވެސް ޓްރަމްޕަށެވެ. ގަތަރުން ވަނީ އެމެރިކާގެ ރިޔާސީ ކިއްލާ ވައިޓް ހައުސްއަށް މީގެކުރިން ދުވަހަކުވެސް ބޭރު ގައުމަކުން ނުކުރާވަރުގެ ދީލަތި ޚައިރާތެއް ކޮށްފައެވެ. ރައީސް ޓްރަމްޕުގެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަތަރު ސަތޭކަ މިލިޔަން ޑޮލަރުގެ އަގުހުރި ޖެޓެއް ހަދިޔާކޮށްފައެވެ. މިއީ އެމެރިކާގެ ބޮއިން ކުންފުނީގެ އުފެއްދުމެކެވެ. ޖައްވުގެ ތެރޭގައި އުދުހޭ ގަނޑުވަރެއް ކަހަލަ އަރާމު ޖެޓެކެވެ. އެމެރިކާގެ ރައީސް ދަތުރުކުރާ ފްލީޓް ބެލެހެއްޓުމާއި މިލްކުވެރިކަން އޮތީ އެމެރިކާގެ ދިފާއީ ވުޒާރާއަށެވެ. ގަތަރުގެ މިހަދިޔާ އެ ވުޒާރާއިން ވަނީ ގަބޫލުކޮށްފައެވެ. އަދި މި ހަދިޔާ ޓްރަމްޕުވެސް ވަނީ ވަރަށް އުފަލާއެކު ބަލައިގެންފައެވެ.
އެމެރިކާގެ ރައީސުންނަށް އެހާފަސޭހައިން ރިޝްވަތު ދެވޭތަ؟
އެމެރިކާގެ ރައީސުންނަށް ހަދިޔާ ދިނުމާއި އެ ހަދިޔާ ގަބޫލުކުރުމަކީ އެމެރިކާގެ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. ހަދިޔާއެއް ދެންޏާ އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ކުރިން ހުށައަޅައިގެން އެ މަޖިލީހުން އެކަމަށް ރުހުންދޭން ޖެހޭނެއެވެ. އެއީ މިހާތަނަށް ވަރަށް މަދުފަހަރެއްގައި ނޫނީ ލިބިފައިނެތް ރުހުމެކެވެ. އެކަމަކު މިފަހަރު އެކަހަލަ ކަމެއްވެސް ނެތެވެ. ގަތަރުން ދިން ހަދިޔާއަށް ދެންވާނެ ގޮތަކީ ރައީސް ޓްރަމްޕުގެ ދައުރު ހަމަވާން ކައިރިވީމާ ނުވަތަ ހަމަވީމާ ރަސްމީގޮތުން ދިފާއީވުޒާރާގެ އިންވެންޓަރީން މި ބޯޓު އުނިކޮށް އޭގެ މިލްކުވެރިކަން ބަދަލުކުރާނީ ރައީސް ޓްރަމްޕުގެ ރިޔާސީ ލައިބްރަރީއަށެވެ. އެގޮތުން ރައީސްކަމުގެ ދައުރަށްފަހުވެސް އެބޯޓު ބޭނުންކުރާނީ ޓްރަމްޕެވެ. މިކަން މިހެން ހަމަޖެހިފައިއޮތީމާ ތޯއްޗެކެވެ. ފްލޮރިޑާ ސްޓޭޓްގައި ހުންނަ ޓްރަމްޕުގެ ކިއްލާގެ ކައިރީގައި ގަތަރު އަ ލަގޯ ލިޔެފައިވާ ބެނަރއެއް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ވަނީ ދައްކާލައިފައެވެ. އެގޭގެ އަސްލު ނަމަކީ މާރް އަ ލަގޯއެވެ. ޑިމޮކްރެޓުންގެ ނަޒަރުގައި އެނަން ގަތަރު އަ ލަގޯއަކަށް ބަދަލުވީއެވެ.
އެމިރޭޓްސްގެ ދެބިލިޔަން ޑޮލަރުގެ ހަދިޔާ
ގަތަރުން ދޭންެއުޅޭ ނުވަތަ ދިން ހަދިޔާއަކީ ރިޝްވަތު ނޫންކަމަށް ވެދާނެއެވެ. ރިޔާސީ ހަދިޔާއަކަށް ވެދާނެއެވެ. ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ޓްރަމްޕު ކުރަމުން ގެންދާ ކަންކަމުގެ ބަދަލުގައި އިނާމެއްގެ ގޮތުންނެވެ. އެކަމަކު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރުގެ ހިއްސާ އޮންނަ ބޮޑު ކުންފުންޏަކުން ރައީސް ޓްރަމްޕުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކާއެކު ހަދަންއުޅޭ ދެ ބިލިޔަން ޑޮލަރުގެ ކްރިޕްޓޯ ކަރަންސީގެ މުއާމަލާތު ފެތޭނީ ކޮން ގިންތިއަކަށް ބާވައެވެ. އެމިރޭޓްސްއަކީ ޓްރަމްޕުގެ މިޒިޔާރަތުގެ އެންމެފަހު މަންޒިލެވެ. ނޫސްވެރިން ސުވާލުކުރުމުން މިއީ ޓްރަމްޕު ދެނަހުރި ޑީލަކަށްވެސް ނުވިއެވެ. އެކަމަކު އެމިރޭޓްސްއިން ވަނީ މިކަން އިއުލާންކޮށްފައެވެ. ދުނިޔޭގެ އެންމެން މިވާހަކަ ގޮވައި ނަގަނީއެވެ. ރައީސްކަމުގައި ހުރެގެން އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމުގެ މިސާލެއްގެ ގޮތުގައެވެ. ކޮންމެއަކަސް މިވަގުތު މިކަންކަން ޓްރަމްޕުގެ މައްޗަށް ސާބިތުނުވެދާނެއެވެ. އެކަމަކު މިކަންކަން މައްސަލައަކަށްވެ ސަރިޔަތް ހިންގޭ ދުވަސްވެސް އަދި އަންނާނެއެވެ. އެކަން ޔަގީނެވެ.
ސިނާން އަލީ
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް