ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް މ. ހާވިލާ، މޫސާ ރިލްވާން އިއްޔެ އައްޔަންކުރައްވައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ރިލްވާން އައްޔަންކުރައްވާފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް އައްޔަންކުރައްވަން ރައީސް އިސްކަން ދެއްވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިރު، ރިލްވާން ހިމެނުނީ އެ ލިސްޓުގެ ތިންވަނައިގައެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މާކްސް ދިން އިރު، ރިލްވާނަކީ ހަތަރުވަނައަށް އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.

75 ޕަސެންޓް މަތިން މާކްސް ހޯދި ބޭފުޅުން:

  • ޒީނާ ޒާހިރު، %85.13
  • އައިމިނަތު ޝިޔާނާ، %83
  • ޝިމްލާ އަހްމަދު، %82
  • މޫސާ ރިލްވާން، %81
  • ޒަމްއަތު އަހްމަދު ވަހީދު، %77.50

މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި އެ ފަސް ނަމަށް ވޯޓަށް އެހި އިރު، އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ރިލްވާނަށެވެ. އެއީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރިލްވާން ވަނީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ހާސިލުކުރައްވައިފައެވެ. ރިލްވާން މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫއާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް އަދި ސްޓްރެންތެނިން ލޯ-ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މަޝްރޫއުގައި އަމަލީ ދައުރެއް ރިލްވާން ވަނީ އަދާކުރައްވައިފައެވެ.