އޭޕްރީލް 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައާ ގުޅިގެން އިސްތިއުފާ ދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ޔުމްނު ވެއްޓިފައި އޮތް މައްސަލައިގައި، ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އެމަނިކުފާނާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ހިމެނޭކަމަށް ތުހުމަތުކޮށް، އެފަރާތްތައް ހިމާޔަތް ކުރުމަށް، އެ މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވަމުންގެންދަވާ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވަބުދާރީވެވަޑައިގަންނަވަމުންނެވެ.
އަމީން ވިދާޅުވީ އެ މައްސަލައާ އަމީންއާ ގުޅުމެއް އޮތް ނަަމަ އެ ގުޅުމަކީ، ދިވެއްސަކަށްވާތީ އޮތް ގުޅުން ކަމަށާއި މާލޭގައި ދިރިއުޅޭތީ އޮތް ގުޅުން ކަމަށެވެ. އެހެންކަމުން ހަމަ އެ ގުޅުން، އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައިވާ 12 މެންބަރުންގެ އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި މައްސަލައާ ގުޅުން އޮވެއްޖެއްޔާ އޮތް ގުޅުމަކީ އަޅުގަނޑަކީ ދިވެއްސަކަށްވީމަ އޮތް ގުޅުން، އަޅުގަނޑު މާލޭގައި އުޅޭތީ އޮތް ގުޅުން، މި މައްސަލައާ އަޅުގަނޑާ ގުޅުވާނަމަ އިތުބާރު ނެތް މައްސަލައިގައި ސޮއިކުރި މެންބަރުންނާވެސް އޮތީ އެއްބާވަތުގެ ގުޅުމެއް. އެއީ ދިވެއްސަކަށްވީތީ، މި ގައުމުގައި އޫޅޭތީ އޮތްގުޅުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޔުމްނު މައްސަލައާ އެމަނިކުފާނާ ގުޅުވައިގެން އެހެން ތަންތަނުގައިވެސް ވާހަކަ ދެއްކިދާނެ ކަމަށެވެ. ނަމަވެސް ޒައްރެއްގެ މިންވަރުވެސް އެމަނިކުފާނާ ގުޅުން ނެތް މައްސަލައަކާ ގުޅިގެން އަމިއްލައަށް މަގާމުން އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް