ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، އެތަނުގައި އިންނެވި އޭރުގެ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވި ކަމަށާއި އެކަން އެގޮތަށް ކުރީ ނުފޫޒު ފޯރުވަން ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ އޭނާގެ މައްޗަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުންނެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު އަމީންގެ އާއިލީ މަސްލަހަތު ހިމެނޭ ފަރާތްތައް ހިމާޔަތްކޮށް އެ ފަރާތްތަކަށް ކުރިމަތިވެދާނެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހުމުގެ ޒިންމާއިން ބަރީއަ ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ތަހުގީގަށް ނުފޫޒު ފޯރުވުމަށް މިނިސްޓަރު މަސައްކަތް ކުރައްވާކަމަށް އެ މައްސަލައިގައި މެންބަރުން ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އަމީން ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، އެތަނުގައި އިންނެވި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވި ކަމަށެވެ.

ނަމަވެސް އެކަން ކުރީ ނުފޫޒު ފޯރުވަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ހާދިސާއާ ގުޅިގެން އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބައްލަވަމުންގެންދަވާ ކަންކަމަށްޓަކައި ބައެއް ތަންތަން ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރާ ވާހަކަ އެ ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާއި އަދި އެނޫސްވެރިންގެ ބައްދަލުވުމުގައި ބައެއްނޫސްވެރިން އަޅުގަނޑު އުޅޭ ގޭގެ ނަން ކިޔަމުން ދިއުމުން އަޅުގަނޑު އުޅޭ ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށްފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުންނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ ފޯނަށް ސީޕީ ޖަވާބު ނުދެއްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.

"ކެބިޓެ މެންބަރަކަށްވާތީ ދައުލަތުގެ ކަންތައްތަކަށް ފަސޭހަ ކޮށްދިނުމަކީ ޒިންމާއެއްކަމަށްވާތީ ގުޅީ،" އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހާދިސާއާ ގުޅުންހުރި ކަންތައްތައް ސިއްރުކުރި ކަމަށް މެންބަރުން ތުހުމަތު ކުރާއިރު، އެއްވެސްކަމެއް ސިއްރުކޮށްފަައިނުވާނެ ކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށާއި އެކަމާ ބެހޭކަމެއް ސިއްރުކުރާ ކަމަށްވާނަމަ އެ ކަމަކާއި، އެކަން ސިއްރުކުރަން ކުރެއްވިކަމެއް މެންބަރުންނަށް ވިދާޅުވެވެން ޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ކެބިނެޓްގެ މިނިސްޓަރަކަށްވެފައި، ދައުލަތުގެ އިދާރާއަކަށް ފަސޭހަކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ،" ޝުޖާއުއަށް ގުޅި ގުޅުން ދިފާއު ކުރައްވައި އަމީން ވިދާޅުވިއެވެ.

ތަކުރާރުކޮށް މިނިސްޓަރު އަމީން މިއަދު ވިދާޅުވީ، މި މައްސަލައިގައި އޭނާ ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް ފަރާތަކަށް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.