ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް، ފެނަކަ ކޯޕަރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވާ ކަމަށާއި 2021 އިން ފެށިގެން ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިއުލާންނުކޮށް 2400 އަށްވުރެ ގިނަ މުވައްޒަފުން ވައްދާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި، ފެނަކައަށް މުވައްޒަފުން ރެކްރޫޓްކުރުމާއި ޕްރޮމޯޝަން ދިމާއި މުސާރައާއި އިނާޔަތްތަކާ ގުޅޭ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިގެ ހިދުމަތްތައް ފުޅާވެފައިވާ މިންވަރަށްވުރެ އިތުރަށް އެ ކުންފުންްޏަށް މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން 2020 ވަނަ އަހަރު ފެނަކައިގައި 3463 މުވައްޒަފުން ތިބި ނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ޖުމުލަ މުވައްޒަފުންގެ އަދަދު 78 ޕަސަންޓަށް އިތުރުވެފައިވާ ކަމަށާއި އޮޕަރޭޝަން ފުޅާވެފައިވާ މިންވަރަށްވުރެ، މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 32 ޕަސަންޓު އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ފެނަކައިގެ ދާއިމީ އަދި ވަގުތީ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް 2020 ވަނަ އަހަރު ހޭދަކޮށްފައިވަނީ ކުންފުންޏަށް ލިބުނު އާމްދަނީގެ 23 ޕަސަންޓާ އެއްވަރުގެ އަދަދެއް ކަމަށާއި 2021 ވަނަ އަހަރު ލިބުނު އާމްދަނީ 25 ޕަސަންޓާ އެއްވަރުގެ އާމްދަނީއެއް އަދި 2022 ވަނަ އަހަރު ލިބުނު އާމްދަނީ 38 ޕަސަންޓާ އެއްވަރުގެ އަދަދެއް މުސާރަ ދިނުމަށް ހަރަދުކޮށްފައިވާ ކަމަށެވެ. ފެނަކައިން 2023 ވަނަ އަހަރު މުސާރަ ދިނުމަށް ކުންފުންޏަށް ލިބުނު އާމްދަނީ 39 ޕަސަންޓާ އެއްވަރުގެ އަދަދެއް ހަރަދުކޮށްފައިވާ އިރު، މިދިޔަ އަހަރު 36 ޕަސަންޓާ އެއްވަރުގެ އަދަދެއް މުސާރަދިނުމަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
"ފެނަކަ ކޯޕަރޭޝަންގެ ދާއިމީ ވަޒީފާތަކަށް 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 4557 މުވައްޒަފުން ވައްދާފައިވާ އިރު، ވަޒީފާ ހޯދަން ބޭނުންވާ ގާބިލު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ގޮތަށް މުވައްޒަފުން ހޯދުމަށް އާންމުކޮށް އިއުލާންނުކޮށް އެ މުއްދަތުގެ ތެރޭގައި ޖުމުލަ 2480 މުވައްޒަފުން ކުންފުނީގެ ދާއިމީ ވަޒީފާތަކަށް ވައްދާފައިވާކަން ފާހަގަކުރެވުން،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
މުވައްޒަފުން ނަގާފައިވާ ގޮތް:
- 2021 - ޖުމުލަ 803 މުވައްޒަފުން (ހުރިހާ މުވައްޒަފުން ނަގާފައިވަނީ އިއުލާންކޮށްގެން)
- 2022 - އިއުލާންނުކޮށް 446 މުވައްޒަފުން، އިއުލާންކޮށްގެން 574 މުވައްޒަފުން
- 2023 - އިއުލާންނުކޮށް 788 މުވައްޒަފުން، އިއުލާންކޮށްގެން 518 މުވައްޒަފުން
- 2022 - އިއުލާންނުކޮށް 1246 މުވައްޒަފުން، އިއުލާންކޮށްގެން 182 މުވައްޒަފުން
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފެނަކައަށް ވައްދާފައިވާ ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުންފުނީގެ ވަޒީފާތަކުގައި ޖުމުލަ 7889 މުވައްޒަފުން ތިއްބެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ތެރޭގައި އޮތް ރިޔާސީ އިންތިހާބުގެ ފަހުން ޖުމުލަ 1217 ވަޒީފާއިން ވަކިކުރުމުން ޖުމުލަ މުވައްޒަފުންގެ އަދަދު އެ އަހަރުގެ ނިޔަލަށް 6672 އަށް މަދުކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި އިތުރު މުވައްޒަފުން ކުންފުނީގެ ވަޒީފާތަކަށް ވެއްދުމުން މިދިިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ފެނަކައިގެ ވަޒީފާތަކުގައި ޖުމުލަ 7245 މުވައްޒަފުން ތިބިކަން ފާހަގަކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އަލަށް ނެގި މުވައްޒަފުންގެ އަދަދުތައް:
- 2023 - ފުރަތަމަ ކުއާޓަރުގައި 627 މުވައްޒަފުން، ދެވަނަ ކުއާޓަރުގައި 393 މުވައްޒަފުން، ތިންވަނަ ކުއާޓަރުގައި 1108 މުވައްޒަފުން އަދި ހަތަރުވަނަ ކުއާޓަރު 75 މުވައްޒަފުން
- 2024 - ފުރަތަމަ ކުއާޓަރުގައި 869 މުވައްޒަފުން، ދެވަނަ ކުއާޓަރުގައި 599 މުވައްޒަފުން، ތިންވަނަ ކުއާޓަރުގައި 109 މުވައްޒަފުން އަދި ހަތަރުވަނަ ކުއާޓަރު 68 މުވައްޒަފުން
އޭގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް އުސޫލުން ބޭރުން 22 މުވައްޒަފަކަށް ޑަބަލް ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ޕާފޯމަންސް އެޕްރައިސަލް ފުރިހަމަކޮށްފައިނުވާ 131 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ދީފައިވާ ކަމަށް ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް ފެނަކައިގެ ވަޒީފާއަށް 124 މުވައްޒަފަކު ވައްދާފައިވަނީ އިންޓަވިއު ޕްރޮސެސް ފުރިހަމަނުކޮށެވެ.
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން