ކުރިން ދުވަހަކުވެސް ރާއްޖެ ނުގެންނަ ތެލުގެ ބާވަތެއް މުޅިން އަލަށް ރާއްޖެ ގެނެސް، ބަންކަރިން މެދުވެރިކޮށް ހޯދަމުންދާ އާމްދަނީ އިތުރުކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުުއިއްޒު ހޯއްދެއްވި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ނުދަރާ ސަލާމަތްކުރެއްވުން ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ އިގުތިސޯދީ ކުރިއެރުމަށް ހުރަސް އެޅުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބަންކަރިން ހިދުމަތަށް ފަސް މަސްވީއިރު އެކަމުން ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފެބުރުއަރީގެ ނިއަލަށް ބަންކަރިންއިން 7.4 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

"ފަސް މަހާއި ދުވަސްކޮޅެއް މިވީ. އެހެންވީމަ ކުޑައެއް ނޫންތޯ ލިބުނު ވަރު. ކުޑައެއް ނޫނޭ މިދެންނެވީ ވީއެލްއެސްއެފްއޯ، ނުވަތަ ލޯ ސަލްފާ އޮއިލް ރާއްޖެއަށް މުޅިން އަލަށް. މީގެ ކުރިން ދުވަހަކުވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މިދެންނެވި 7.4 މިލިއަން ޑޮލަރުގެ 95 ޕަސަންޓަކީ ވީއެލްއެސްއެފްއޯ ބަންކާ ކޮށްގެން ހޯދި ފައިސާ. މިހާރު އެ ޓްރެފިކް ދަނީ އިތުރުވަމުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ ގާނޫނުތައް ގެނެސް ބަންކަރިންގެ ހިދުމަތް ފުޅާކުރެއްވުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ވަނީ މީގެ ކުރިން އެއްވެސް ވެރިއަކަށް ނުކުރެވޭ ވަރަށް މަސައްކަތް ކުރައްވާފައި ކަމަށް ވިދާޅުވެފައެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.