ފަނޑިޔާރަކާ މެދު މާރާމާރީ ހިންގި މައްސަލައެއްގައި ކްރިމިނަލް ކޯޓުން ފަސް ދުވަހަށް މީހަކު ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ބަންދުކުރީ ރ. އިނގުރައިދޫ، ނެދުންގޭ ޤާސިމް އިބްރާހިމްފުޅު 49އ އެވެ.

އެ މީހާގެ ބަންދު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފަނޑިޔާރަކާ މެދު މާރާމާރީ ހިންގުން ކަމަށާއި އޭނާ ވަނީ އެ ފަނޑިޔާރާ މެދު މީގެ ކުރިން ވެސް މާރާމާރީ ހިންގާފައި ކަމަށެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ވަނީ އެކަށީގެންވާ ވަރަށް ހެކި ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ބައެއް މީހުންގެ ހެކިބަސްވެސް ހިމެނެއެވެ.

އެހެންވެ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އޭނާ ވަނީ ފަސް ދުވަހަށް ބަންދުކޮށްފައެވެ.