އަމިއްލަ ކުންފުންޏެއް ކަމަށްވާ ދިމަހް ޕްރައިވެޓް ލިމިޓެޑަށް 2.5 މިލިޔަނަށްވިރެ ގިނަ ރުފިޔާ ދޭން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ދިމަހް އާއި ފެނަކައާ ދެމެދު އެކި ފަހަރު ހަދާފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދިމަހް އިން ފެނަކައަށް ދީފައިވާ ހިދުމަތާއި މުދަލުގެ އަގަށް އަރާފައިވާ 31.1 މިލިޔަން ރުފިޔާގެ މައްސަލައެކެވެ.

އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފެނަކައިގައި އެދުމުން ވެސް ދައުވާކުރުމާ ހަމައަށް އެއްވެސް ފައިސާއެއް ދައްކާފައިނުވާތީ ފެނަކައިގެ މައްޗަށް ސިވިލް ކޯޓުގައި ދިމަހް އިން ދައުވާ ކުރިއެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި، މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށް 14 ދުވަހުގެ ފުރުސަތަކަށް ފެނަކައިން އެދުމުން، މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެކަން ނިންމި ގޮތެއް ކޯޓަށް ހުށަހަޅަން އަންގައި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް 14 ދުވަހުގެ މުއްދަތެއްދިނެވެ.

ނަމަވެސް އެ މުއްދަތުގައި މައްސަލައާ މެދު އެއްބަސްވި ގޮތް ހުށަހަޅާފައިނުވާތީ، މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ގައި ބޭއްވިއެވެ.

އެއާ ގުޅިގެން ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބޭއްވުމެއްނެތި، މައްސަލައަށް ހުކުމް ކޮށްދިނުމަށް އެދި، އެކަމަށް ހާއްސަ ފޯމުން ދިމަހްގެ ފަރާތުން މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ ފޯމުގައި ދިމަހް އިން އެދިފައި ވަނީ ފެނަކައަށް ފޯރުކޮށްދިން ހިދުމަތާއި މުދަލުގެ އަގަށް ޖުމްލަ 28.1 މިލިޔަން ރުފިޔާ އަރާ ކަމަށެވެ. އަދި 11 މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 2.5 މިލިއަން ރުފިޔާ އަށްވުރެ މަދު ނޫން އަދަދެއް ދައްކައި ހަލާސް ކުރުމަށް ފެނަކައިގެ މައްޗަށް ހުކުމް ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ފެނަކައިންވެސް އެކަމަށް ދެކޮޅު ހަދާފައެއް ނުވެއެވެ.

އެހެންކަމުން މި މައްސަލައިގައި ދިމަހް އިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތާއި މުދަލުގެ އަގަށް އަރާފައިވާ 31.1 މިލިޔަން ރުފިޔާގެ ތެރެއިން، މިހާތަނަށް ދައްކާފައިވާ ތިން މިލިޔަން ރުފިޔާ އުނި ކުރުމަށްފަހު ބާކީ ދައްކަންޖެހޭ 28.1 މިލިޔަން ރުފިޔާ 11 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 2.5 މިލިޔަން ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް ސިވިލް ކޯޓަށް ދައްކައި ދަރަނި ހަލާސް ކުރުމަށް ފެނަކަ ކޯޕަރޭޝަގެ މައްޗަށް މިދިޔަ ޖެނުއަރީމަހުގެ 26 ވަނަ ދުވަހު ހުކުމް ކުރިއެެވެ.

ނަމަވެސް އެ ހުކުމާ އެއްގޮތަށް ފެނަކައިން ފައިސާ ދައްކަމުން ނުދާތީ، އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މިދިޔަ މާޗްމަހު ދިމަހްގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެެވެ.

އެ މައްސަލައިގައި އެ ކުންފުނިން އެދިފައިވަނީ، ސިވިލްކޯޓުގެ ހުކުމާ އެއްގޮތަށް ފެނަކައިން ދައްކަންޖެހި ނުދައްކާއޮތް އެއްމަސްދުވަހުގެ ފައިސާ އާއި މިދިޔަ މެއި މަހުގެ 26 ގެ ނިޔަލަށް، ޑިއުވާ ޕޭމެންޓާއެކު، ދެމަސްދުވަހުގެ ފައިސާ ދައްކަން ހުކުމްކޮށްދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު، އެ ފައިސާ ދެމަސްދުވަހުގެ ތެރޭގައި ދިމަހް އަށް ދައްކައި، ސިވިލްކޯޓުގެ ހުކުމަށް އިހުތިރާމް ކުރުމަށް ފެނަކައިގެ މައްޗަށް ސިވިލްކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.