ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒްގެ މައްސަލަ ބަލާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަަމަށް ބުނާ މައްސަލައިގައެވެ.

ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ނިންމައި، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ވަނީ އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. އެ މައްސަލައިގައި މަޖިލީހުގައި ވޯޓަކާ ހިސާބަށް ދާނީ، އެ މައްސަލައިގައި ބަހުސް ކުރުމަށް ވަގުތުދިނުމަށްފަހުއެވެ.

ކޮމިޓީން އެގޮތަށް ނިންމާފައިވަނީ، އަޒްމިރަލްދާ އާއި މަހާޒްއާ ގުޅޭގޮތުން ޖޭއެސްސީން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވަނިކޮށެވެ.

ކައުންސެލް ޖެނެރަލް ފިލްޒާ ދެއްވި ލަފާގައި ވިދާޅުވީ، ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބެލީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއްކަން އެނގޭ ކަމަށާއި ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބަލާނެތޯ ކަނޑައަޅަން ފޮނުވަން ޖެހެނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަށް ކަމަށެވެ. ނަމަވެސް ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައެއް ނުވާ ކަމަށާއި އެ މައްސަލަ ކޮމިޝަނަށް ހުށަހެޅީ އެ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާގެ ފަރާތުން ކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީން ބުނާ ގޮތަށް އެއީ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލައެއް ކަމަށް ބަހުސުގެ ބޭނުމަށް ބުނި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި ސިޓީއާ ގުޅިގެން އަމަލުކުރަން ޖެހޭނެ ގޮތަކީ އެ ސިޓީގައިވާ މައްސަލަ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސް، އެކަމެއް ތަހުގީގުކުރުމާ މެދު ގޮތެއް ނިންމުމަށް މައްސަލަ ބަލާ ކޮމިޓީއަށް ސެކްރެޓަރީ ޖެނެރަލް ފޮނުވުމެވެ.

"ގާނޫނުގައި ވަކި ކަމަކަށް ވަކި އިޖުރާއަތެއް ކަނޑައަޅާފައި ވަނިކޮށް، އެ އިޖުރާއަތަށް އަމަލު ނުކުރުމަކީ ކޮމިޝަނަށް ލިބިގެންވާ އިހުތިޔާރެއް ނޫން،" ފިލްޒާ ވިދާޅުވިއެވެ.

އެ ސަބަބުތަކަށްޓަކައި ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ލަފާ ދެއްވީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައިވެއެވެ.