ސައުދީން އެމެރިކާގައި 600 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމައިފިއެވެ.

ސައުދީން މިގޮތަށް ނިންމައިފައިވަނީ އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކުރިޔަށް ގެންދެވި މަޝްވަރާތަކުގެ ތެރެއިން ކަމަށް ވައިޓް ހައުސިން އިން ބުނެއެވެ.

ސައުދީން އެމެރިކާގައި އިންވެސްޓް ކުރަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ އާއި ހަތިޔާރު ބަދަލުކުރުމަށް ކުރިޔަށް ގެންދާން ނިންމައިފައިވާ 142 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ހިމެނެއެވެ.

ވައިޓްހައުސް އިން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ސައުދީ އާއި އެމެރިކާ ގުޅިގެން ހަކަތައާއި މިނެރަލް އުފެއްދުމަށްވެސް އެއްބަސްވެފައިވެއެވެ.

އެމެރިކާ އާއި ސައުދީއާ ދެމެދު މި ވެވުނު 142 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ މިހާތަނަށް ދެގައުމެއްގެ ދެމެދު ހަތިޔާރު ވިއްކުމަށް ވެފައިވާ އެންމެ ބޮޑު އެއްބަސްވުމެވެ.

މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ސައުދީއަށް ވަޑައިގެންފައިވާއިރު މި ހަފުތާގެ ފަހުކޮޅު ގަތަރާއި އެކުވެރި އަރަބި އިމާރާތަށް ވެސް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.