އެމްއެޗް 17 ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިޔާއިން ކަމަށް އދގެ އޭވިއޭޝަން އެޖެންސީން ބުނެފިއެވެ.

298 މީހުންނާއެކު އެމްސްޓެޑަމް އިން މެލޭޝިޔާގެ ކުއަލަމްޕޫރަށް ދަތުރުކުރި މެލޭޝިއަން އެއާލައިންސްގެ ފްލައިޓު އެމްއެޗް17 ވެއްޓިފައި ވަނީ ޔޫކްރޭން ސަރަހައްދުން ދަތުރުކުރަނިކޮށް ރަޝިޔާއިން ފޮނުވާލި މިސައިލަކުންނެވެ.

އދގެ އޭވިއޭޝަން އެޖެންސީން ހޯމަ ދުވަހު ނެގި ވޯޓަކުން ވަނީ ރަޝިޔާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށާއި އެ ގާނޫނުގައި ވާގޮތުން ފަސިންޖަރުން ދަތުރުކުރާ ފްލައިޓުތަކަށް ހަމަލާ ދިނުމަކީ ކުށެއް ކަމަށެވެ.

އެ މައްސަލަ އދ އަށް ހުށަހަޅާފައިވަނީ އޮސްޓްރޭލިއާ އާއި ޑަޗް ސަރުކާރުން 2022 ވަނަ އަހަރު އެވެ.

މެލޭޝިއަން އެއާލައިންސްގެ އެމްއެޗް17 ވެއްޓުނު ހާދިސާގައި 298 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ނެދަލެންޑަށް ނިސްބަތްވާ 196 މީހުންނާއި އޮސްޓްރޭލިއާގެ 38 މީހުންގެ އިތުރުން އިނގިރޭސި ވިލާތަށް ނިސްބަތްވާ 10 މީހުންނާއި މެލޭޝިޔާ އާއި ބެލްޖިއަމް މީހުން ކަމަށް ރިޕޯޓުތައް ބުނެއެެވެ.