ކުރިއަށް އޮތް ތިން އަހަރަށް އޭޝިއަން އެންޑް ޕެސިފިކް ސެންޓާ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓާ އިންފޮމޭޝަން މެނޭޖްމަންޓް (އޭޕީޑީއައިއެމް)ގެ ގަވަނިން ކައުންސިލްގެ މެންބަރުކަމަށް ރާއްޖެ އިންތިހާބުކޮށްފިއެވެ.

ގަވަނިން ކައުންސިލަށް ރާއްޖެއާއެކު މަކާއޯ، ޗައިނާ، އިންޑިއާ، ބަންގްލަދޭޝް، ކަޒަކިސްތާން، މޮންގޯލިއާ، ޕާކިސްތާން އަދި ތުރުކިޔޭ ވަނީ އިންތިހާބުކޮށްފައެވެ.

ގައުމީ އަދި ސަރަހައްދީ ރެޒިލިއަންސް ބިނާކުރުމަށް ޔޫއެންއެސްކޭޕީއާ ގުޅިގެން ރާއްޖެއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭޕީޑީއައިއެމްގެ ގަވަނިން ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އަމާޒަކީ މި ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ކާރިސާތައް މެނޭޖްކުރުން ކުރިއަރުވައި ޑޭޓާ ޑްރިވެން ޑިޒާސްޓާ ރިސްކް ކުޑަކުރުމަށް ކެޕޭސިޓީ ބިލްޑިން ހަމަޖެއްސުމާއި، ސަރަހައްދީ އެއްބާރުލުން ދިނުމަށް އެހީތެރިވެދިނުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭޕީޑީއައިއެމް އަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ކާރިސާތަކުގެ މައުލޫމާތު ބެލެހެއްޓުމާއި ރެޒިލިއަންސް އިތުރުކުރުމަށް ހާއްސަކޮށްފައިވާ އެސްކޭއޭޕީގެ ރީޖަނަލް ސެންޓަރެކެވެ.

ޔޫއެންސްކޭޕް މެދުވެރިކޮށް 2015 ވަނަ އަހަރު އުފެއްދި އޭޕީޑީއައިއެމްގެ އަމާޒަކީ މައުލޫމާތު ބަދަލުކުރުމާއި ކުރިއާލައި އިންޒާރު ދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި ސައްހަ މައުލޫމާތު އެންމެ ބޮޑަށް ބޭނުންވެއްޖެ ހިނދެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގްސަދުގައި ގައުމުތައް އެއްބައިވަންތަ ކުރުމެވެ.

އޭޕީޑީއައިއެމްގެ ކަންކަން ބަލަހައްޓަނީ އެސްކޭއޭޕީގެ މެމްބަރު އަށް ގައުމެއްގެ މައްޗަށް އެކުލެވިގެންވާ ގަވަނިން ކައުންސިލަކުންނެވެ. އޭޕީޑީއައިއެމްގެ ގަވަނިން ކައުންސިލްގައި ރާއްޖެ ތަމްސީލް ކުރާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ.