އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންނަ މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗާއި އެ މެޗަށް ތައްޔާރުވުމަށް ސިންގަޕޫރާ ދެކޮޅަށް އެގައުމުގައި ކުޅެން އޮތް އެކުވެރިކަމުގެ މެޗުގައިވެސް ގައުމީ ޓީމުގެ ކޯޗުކަމުގައި އަލީ ސުޒޭން ބަހައްޓަން، މިވަގުތު ފުޓުބޯޅައާ ހަވާލުވެފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ވިސްނަމުންދާ ކަމަށް އެ ކޮމިޓީން ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ޓީމަށް، ތިން މަސް ދުވަހުގެ މުއްދަތަކަށް ކޯޗެއް ހޯދަން އެފްއޭއެމްއިން ދާދިފަހުން އިއުލާނުކޮށްފައިވެއެވެ. އާ ކޯޗެއް ހޯދަން، އެފްއޭއެމް އިން އިއުލާނުކުރުމުން، އެ މަގާމަށް ސުޒޭންގެ އިތުރުން، ކުރިން އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރަކަށް މަސައްކަތްކުރި މުހައްމަދު ޝިޔާޒް (މޯހަން) އާއި އަންހެން ގައުމީ ޓީމުގެ ކޯޗަކަށް މި ފަހުން ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ނަން ހުށަހަޅާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޯޗަކަށް އެފްއޭއެމްއިން އިއުލާނުކުރީ ސާފް ޗެމްޕިއަންޝިޕް ޖޫން މަހު ބާއްވަން ކުރިން އޮތުމުން ނަމަވެސް، އެ މުބާރާތް އަންނަ އަހަރަށް ފަސްވުމާއެކު، މިހާރު ވިސްނަނީ ސުޒޭނާއެކު އިތުރަށް ކުރިއަށްދާން ކަމަށް، ނޯމަލައިޒިން ކޮމިޓީގެ މެމްބަރު، އިސްމާއީލް ސިމަން ވަނީ މީޑިއާތަކަށް މައުލޫތުދެއްވައިފައެވެ.

ކޯޗު ސުޒޭންއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއާއެކުވެސް ސުޒޭން ގައުމީ ޓީމާއެކު މަސައްކަތްކޮށްފައިވާ އިރު، ކޫޕްމަން ވަކިކުރުމުން 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރީ ސުޒޭނެވެ.

އޭގެފަހުން 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި މޮރިއޭރޯގެ އެސިސްޓެންޓަކަށް ހުރި ސުޒޭން ހެޑް ކޯޗުކަމާ ހަވާލުވީ މޮރިއޭރޯ މަގާމުން ވަކިކުރި ހިސާބުންނެވެ.

އޭގެފަހުން ބަންގުލަދޭޝްއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ރާއްޖޭގެ ޓީމުން ކުޅުނު އިރު، އޭގެ ތެރެއިން އެއް މެޗުން ރާއްޖެ މޮޅުވިއެވެ. އެންމެފަހުން ސުޒޭނާއެކު ރާއްޖެއިން އިންޑިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅުުނު މެޗުތަކުން ވަނީ ބަލިވެފައެވެ.