މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް މޫސާ ރިލްވާން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން އިސްކަން ދެއްވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.

ރައީސް އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތައް:

  • އައިމިނަތު ޝިޔާނާ، މ. ފަތަހަ
  • އިބްރާހިމް އަޝްރަފް، ވ. މަށިވެލި
  • މޫސާ ރިލްވާން، މ. ހާވިލާ
  • އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
  • ޒީނާ ޒާހިރު، އަތިރީގެ، ގދ. ގައްދޫ
  • އަހްމަދު ޒާހިރު، ހ. ސަންދަލީގެ
  • ޒަމްއަތު އަހްމަދު ވަހީދު، މަލަ، ގދ. ތިނަދޫ
  • މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ
  • ޝިމްލާ އަހްމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
  • ފާތިމަތު އަޒީމާ، އޯކިޑްމާގެ، ށ. ފީވައް

އެ ބޭފުޅުންގެ ނަންތައް ދިރާސާކޮށް ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ، އެ ބޭފުޅުންނާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން، އެވްރެޖް 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް އެންމެ މަތިން މާކްސް ލިބިފައިވާ ބޭފުޅުންނަކީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ގާބިލު ބޭފުޅުން ކަަމަށް ކޮމިޓީން ކަނޑައަޅާ ކަމަށެވެ.

75 ޕަސެންޓް މަތިން މާކްސް ހޯދި ބޭފުޅުން:

  • ޒީނާ ޒާހިރު، %85.13
  • އައިމިނަތު ޝިޔާނާ، %83
  • ޝިމްލާ އަހްމަދު، %82
  • މޫސާ ރިލްވާން، %81
  • ޒަމްއަތު އަހްމަދު ވަހީދު %77.50

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ލިސްޓު ތަރުތީބުން، ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރަން ވޯޓަށް އެހުން ކުރިއަށް ގެންދިޔައިރު، އެންމެ ގިނަ މާކްސް ލިބުނު ޒީނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން އެންމެ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް 52 މެންބަރުން ވޯޓު ދެއްވިއެވެ.

ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޝިޔާނާ އެ މަގާމަށް އައްޔަން ކުރަން ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ނުފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއެވެ. ތިންވަނައަށް އެންމެ ގިނަ މާކްސް ލިބުނު ޝިމްލާއަށް ވޯޓު ދެއްވީ އެންމެ 14 މެންބަރުންނެވެ. އޭނާ މެންބަރު ކަމަށް އައްޔަންކުރަން ނުފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއެވެ.

ހަތަރުވަނައަށް އެންމެ ގިނަ މާކްސް ލިބުނު ރިލްވާން ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ.