ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް ލޯނުގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 157 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހައިދަރު އެހެން ވިދާޅުވީ، ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަަކަށް ޖަވާބު ދެއްވަމުންނެވެ.

ލޯނު ދޫކޮށްފައިވާ ދަރިވަރުން އަނބުރާ އެ ފައިސާ ދައްކާ ގޮތާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ، ލޯނު ދެއްކުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ލޯނުތަކަށް 60 ޕަސެންޓް ދަރިވަރުން ފައިސާ ނުދައްކާ ކަމަށާއި ދައުލަތަށް ލިބެންޖެހޭ އެ ފައިސާ ހޯދަން ކުރަންޖެހޭ ކަންކަން ކުރުމަށް މަޝްވަރާކޮށް، ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި އަހަރު ލޯނަށް ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު، 1،300 އަށްވުރެ ގިނަ ދަރިވަރަކު ލޯނަށް ހުށަހެޅި ކަމަށެވެ. ލޯނަށް ކުދިން ހޮވަނީ މެރިޓަށް ބަލާފައި ކަމަށްވެސް ވިދާޅުވި އެވެ.