ފުލުހުންގެ އިދާރާގެ އަގު ވެއްޓެން ފެށީ ރާއްޖެއަށް ޑިމޮކްރަސީ އައި ހިސާބުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ރޭ ވިދާޅުވީ ދިވެހި ފުލުހުންނަކީ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއް އިދާރާ ކަމަށާއި އެ އިދާރާއަކީ ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން، ބޭނުންވާ ހިދުމަތެއް ހޯދަން ހިންގާ އިދާރާއެއް ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެއަށް ޑިމޮކްރަސީގެ ތެރެއިން މިއައި ބޮޑު ބަދަލުގެ ތެރޭގައި އޭގެ އެއް ކޮސްޓަކީ އިންސްޓިޓިއުޝަންސްތަކުގެ އަގު ނުވަތަ އިންސްޓިޓިއުޝަންސްގެ ކަރާމާތް ނަގައިލުން. ސިޔާސީ ބޭނުމަކަށް ޓަކައި ކޮންމެ ބަޔަކުވެސް، އިދިކޮޅުގައި ތިބޭ އިރުގައި ފުލުހުންނާ މި ދިމާކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އިދިކޮޅުގައި ތިބެގެން ފުލުހުންގެ އަގުވައްޓާލުމަށްފަހު ވެރިކަމާ ހިސާބަށް އަންނަ ދުވަހު ފުލުހުން ބަރާބަރުވާނެ ކަމަށާއި ދެން ފުލުހުންގެ ރަނގަޅުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެހެން ހަދަމުން ގޮސް، ފުލުހުންގެ އިދާރާގެ އަގުވެއްޓުމުގެ ދެބައިކުޅަ އެއްބައި އޮތީ ގޮސްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ކޯޝަން ކުރަން ބޭނުން، އަބަދުވެސް ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ގޮސް ފުލުހުންގެ މުއައްސަސާއަށް މި ތޮޅޭތޮޅުން އެބަޖެހޭ ހުއްޓާލަން. އަޅުގަނޑުމެންގެ ތުއްތުކުދިންނަށް އެބަޖެހޭ އެނޫން މަންޒަރުތަކެއް ފެންނަން. އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓް އެޖެންސީތަކަކީ ގާނޫނު އެންމެންނަށްޓަކައި ނަގަހައްޓާ ބައެއްކަން އެބަޖެހޭ ގަބޫލުކުރަން. ސިޔާސީ ވާދަވެރިކަން އޮންނަންވާނެ، ސިޔާސީގޮތުން ދެބަސްވެސް ވާންވާނެ، އެހެންނަމަވެސް މީގެ ތެރެއަށް ދައުލަތުގެ މުހިންމު މުއައްސަސާތައް ނުވައްދަންވީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ އިދާރާ ތެރޭގައި ޕްރޮފެޝަނަލްކޮށް ދޭން ޖެހޭ ބައެއް ހިދުމަތްތައް ނުދެވޭތީ ވެސް އަގުވެއްޓުމުގެ ކަންކަމާ ދިމާވާ ކަމަށާއި މި ސަރުކާރު ހަވާލުވިއިރު ތަމްރީނު ނުހަދައި 1000 ފުލުހުން ތިބި ނަމަވެސް، މިހާރު އެ އަދަދު 300 އަށް ދަށްކުރެވިފައިވާ ކަމަށެވެ. ފުލުހުން ދެމުންގެންދާ ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެވަނަ ކަމަކީ ހާއްސަގޮތެއްގައި ފުލުހުން ދެމުންގެންދާ ހިދުމަތް އަވަސްވުން. ތަހުގީގުތައް އަވަސްވުން، ފުލުހުންގެ މުއައްސަސާއަށް މީހަކު މައްސަލައެއް ރިޕޯޓުކޮށްފި ކަމުގައިވާ ނަމަ، އެމީހާ އެ ގަބޫލުކުރާ ސްޕީޑުގައި ނަތީޖާ ނެރެދިނުން، މި ކަންތައްތައް ކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމާއި ރައްޔިތުން އެދޭ ފަދަ ޖަވާބުދާރީ ވެވޭނެ ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރާ މުއައްސާއަކަށް ބައްޓަންކުރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ވަޅިޖަހަންފެށީ ވަޅީ އީޖާދުކުރީމައޭ ބުނުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ކަމެއްގޮތުގައި ބުއްދީގެ އަހުލުވެރީން ގަބޫލުކުރާނީ.
ހ. ހުސައިން - 1 އަހަރު ކުރިން
ފުލުހުން ގެ އަގު ވައްޓާލީ ފުލުހުން އަމިއްލައްށް! އިހުސާން މޮޅު ވާހަކަ ނުދައްކާ ހަވާލުވެހުރި މިނިސްޓްރީ ތެރޭ ފައިސާނަގާގެން އެ ޕުރޮސެސްކުރާ ބަންގާޅު ވޯކްޕާމިޓްތައް ހުއްޓުވަބަލަ!
އިހުސާސް - 1 އަހަރު ކުރިން
އަގުވައްޓާލީ ފުލުހުން އަމިއްލައަށް
މަޖީދު - 1 އަހަރު ކުރިން