މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ އަހާ ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެ ހާދިސާއަށްފަހު ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރުނީ ވަރަށް ގޯސްކޮށް ކަމަށާއި އެތައް ބައިވަރު މީހުންނެއް ވެގެން ގަދަކަމުން އަންހެން ކުއްޖަކު ދަމައި ގެންގޮސް، ގެއަކަށް ވައްދައި ޓެރަސްއެއްގެ މަތީގައި އެ ކުއްޖާ ރޭޕްކޮށް، އެ ކުއްޖާ ފުރާޅެއްގެ މައްޗަށް އެއްލާލި ވާހަކަ ސޯޝަލް މީޑިއާގައި ދައުރުކުރި ކަމަށެވެ.

"މިގޮތަށް ވާހަކަ އައީ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވި މައްސަލައެއް މިއީ. އެހެންނަމަވެސް އަޅުގަނޑުމެން މައްސަލައިގެ ހަގީގަތަށް ފައިބާފައި އެވިޑެންސްއާ ހިސާބަށް ދިޔައިރުގައި، ފެންނަން ހުރި ފުޓޭޖުތަކުން މިއީ ދޮގު ވާހަކަތަކެއްކަން އެނގިއްޖެ އަޅުގަނޑުމެންނަށް. އެނގިގެން އެ ހިސާބުން ފެށިގެން އަޅުގަނޑުމެން ރައްޔިތުންނަށް ތަހުގީގެއްގައި ނުދޭހާ އަވަހަށް މައުލޫމާތުތަކެއް ދޭން ފެށިން،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ފުލުހުން އަދިވެސް މަސައްކަތްކުރަމުންދަނީ ކަނޑައެޅިފައި އޮންނަ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ އެ މައްސަލަ ތަހުގީގުކުރާ އެހެން އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑާ ހިސާބަށް ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް އަދިއެއް އަޅުގަނޑާ ހިސާބަށް ފާހަގަވެފައެއް ނުވޭ. އެފަދަ ކަމެއް އަންނަ ދުވަހަކުން އަޅުގަނޑުމެން އެފަދަ ކަމެއް ބަލާނަން، ބަލާފައި ފިޔަވަޅު ނާޅައިފިއްޔާ އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއީ އަޅުގަނޑާ ދޭތެރޭގައި ފިޔަވަޅު އަޅަންޖެހޭ ސަބަބެއް. އަދިއެއް ނެތް، އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ދުވަހު ޔުމްނުއާއެކު އެ އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލް (21އ) އެވެ. އެ މައްސަލައިގައި ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓައި، އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ.

ޔުމްނުއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނަ އިރު، މި މަހު ހަތަރުވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފައެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ، މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ޗެނަލް 13 އަށް ދިން ވީޑިއޯ އިންޓަވިއެއްގައި ބުނެފައިވަނީ އިމާރާތުގެ މަތިން ޔުމްނު ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ޔުމްނު ކިޔައިދީފައިވާ ކަމަށެވެ.

ޔުމްނުގެ ދައްތަ ބުނެފައިވަނީ ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު/ ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށެވެ.