މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ މައްސަލަ ދިރާސާކުރި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެންމެ ގިނަ މާކްސް ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރަށް ލިބިއްޖެއެވެ.

ބްރޯޑްކާސްޓީން ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން މިދިޔަ މާޗު މަހުގެ 17 ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅަކު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ، މިދިޔަ މަހުގެ 23 ގައެވެ.

ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތައް:

  • އައިމިނަތު ޝިޔާނާ، މ. ފަތަހަ
  • އިބްރާހިމް އަޝްރަފް، ވ. މަށިވެލި
  • މޫސާ ރިލްވާން، މ. ހާވިލާ
  • އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
  • ޒީނާ ޒާހިރު، އަތިރީގެ، ގދ. ގައްދޫ
  • އަހްމަދު ޒާހިރު، ހ. ސަންދަލީގެ
  • ޒަމްއަތު އަހްމަދު ވަހީދު، މަލަ، ގދ. ތިނަދޫ
  • މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ
  • ޝިމްލާ އަހްމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
  • ފާތިމަތު އަޒީމާ، އޯކިޑްމާގެ، ށ. ފީވައް

އެ ބޭފުޅުންގެ ނަންތައް ދިރާސާކޮށް ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ، އެ ބޭފުޅުންނާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން، އެވްރެޖް 75 ޕަސެނެޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް، އެންމެ މަތިން މާކްސް ލިބިފައިވާ ބޭފުޅުންނަކީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ގާބިލު ބޭފުޅުންކަަމަށް ކޮމިޓީން ކަނޑައަޅާ ކަމަށެވެ.

75 ޕަސެންޓް މަތިން މާކްސް ހޯދި ބޭފުޅުން:

  • ޒީނާ ޒާހިރު، %85.13
  • އައިމިނަތު ޝިޔާނާ، %83
  • ޝިމްލާ އަހްމަދު، %82
  • މޫސާ ރިލްވާން، %81
  • ޒަމްއަތު އަހްމަދު ވަހީދު %77.50

މީގެ ތެެރެއިން ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރާނެ ބޭފުޅެއް ކަނޑައަޅާނީ މި ރިޕޯޓު މަޖިލީހަށް ހުށަހަޅައި، މާކްސް ލިބިފައިވާ ތަރުތީބުން ވޯޓަށް އަހައި ތަޅުމުން ފާސްކޮށްގެންނެވެ.