ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު، ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ހަލީލު މިއަދު ކުވޭތަށް ވަޑައިގެންފައިވަނީ ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަތަކަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލުގެ މި ދަތުރުފުޅުގައި ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާއާ ބައްދަލުކުރައްވައި، ރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން، ކުވޭތުގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރާއި، އިންވެސްޓްމަންޓް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރާއި ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުވޭތަކީ ރާއްޖޭއަށް ތަރައްގީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ގައުމެކެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުންވެސް ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ދެއްވާ އެހީތެރިކަމަކީ ވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ އަދި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގަންނަވައެވެ.