މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް، ގ. ސިލްވަރުގެ އާގެ/ އާއިޝަތު އަސްނާ ހަމްދީ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޭނާ ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރެއްވުމަށް ނިންމަވައި، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އެކަމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އެ ދުވަހުގެ ޖަލްސާއަށް އިއްވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސަކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.

މި މަހުގެ ހަތްވަަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އަސްނާއަށް މަޖިލީހުން ރުހުން ދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެ ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހައި ޖަލްސާގައި ތިއްްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 73 މެންބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އަޔަންކުރަން ފާސްކުރިއެވެ.

އަސްނާ ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ސީނިއާ މެނޭޖަރެއްގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މި އަހަރުގެ މާޗު 17 ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސް އަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.