ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އެ ރަށު ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކޮށް، ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލްގެ ތެރެއިން އެކަމަށް ފުރުސަތު ހުޅުވާލަން މަަސަައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ތިނަދޫ ހައުސިން ޔުނިޓްތަކުގެ ޕްރޮޖެކް މައްސަލައިގައި ކައުންސިލާއި ހައުސިން މިނިސްޓްރީއާ ދެމެދު ޖެހިފައިވާ މައްސަލަ މިހާރު އޮތް ހިސާބެއް އޮޅުންފިލުވުމުގެ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ތިނަދޫގެ ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ ސަރުކާރުން ހިންގާ މަޝްރޫއުއެއް ކަމަށާއި އެހެންވެ ސަރުކާރުން ކަނޑައަޅާ އިޖުތިމާއީ މިންގަނޑުތަކެއް އޭގައި ހިމެނެންޖެހޭ ކަމަށެވެ.

"ސަރުކާރުން ކަނޑައަޅާ އިޖުތިމާއީ މިންގަނޑުތަކެއް އޭގައި ހިމެނެންޖެހޭ، އޭގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންގޮސް ލިބޭ ފަރާތްތައް ކަނޑައެޅުމަކީ މުހިންމު ކަމަކަށްވާތީވެ، އެހެންކަމުން އެ ބޭފުޅުން ކުރި އިއުލާން އަޅުގަނޑުމެން ބަަލައިނުގަންނާނެކަން އަންގައި ވާނީ ނޫސްބަޔާނެއްވެސް ނެރެފައި، އަދި މިނިސްޓްރީން ވަކިން މިނިސްޓްރީގައި މިހާރު އިން ހިޔާވަހި ޕޯޓަލްގެ ތެެރެއިން އާ ސްކީމެއްގެ ތެެރެއިން އެ ލިބޭ ފަރާތްތައް ހޯދުމަށް އިއުލާން ކޮށްގެން ކުރިއަށް ގެންދަން، އެ މަސައްކަތް މިހާރު ކުރަމުންދަނީ،" މުއްތަލިބު ވިދާޅުވި އެވެ.