ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ފާސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅައި، ވޯޓަކަށް ތައްޔާރު ވުމަށްފަހު، ކުއްލި ގޮތަކަށް ކޮމިޓީ ބައްދަލުވުން ނިންމާލައިފިއެވެ.

ކޮމިޓީގައި މި މައްސަލަ ބެލުމުގެ މިއަދުގެ ބައްދަލުވުން ފައްޓަަވަމުން، ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ އެކަމާ ގުޅޭ ދެ މައްސަލައެއް ކޮމިޓީގައި ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ފަނޑިޔާރުން ވަކިކުރަން ނިންމައި، އެކަމާ މެދު ރައްިޔތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލަ އާއި އެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ގާނޫނުގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ، ކޮމިޓީއަށް ހާޒިރުވެގެން އެ މައްސަލައަށް ޖަވާބުދާރީވާން ހުށަހަޅާފައިވާ މައްސަލައެވެ.

އޭގެ ތެރެއިން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި ހުށަހަޅުއްވާފައި ވަނީ، އަޒްމިރަލްްދާ ޒާހިރެވެ.

މުގައްރިރު ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން އެކަމުގައި ކޮމިޓީން ބަލަން ޖެހެނީ، އެ މައްސަލަ ޖޭއެސްސީން ނިންމީ އިޖުރާއަތްތަކާ އެއްގޮތަށްތޯ ކަމަށެވެ.

އެހެންކަމުން ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކީ ގުޅުން އޮތް، އެއްވައްތަރުގެ ދެ މައްސަަލަކަމުން އެ ދެ މައްސަލަ އެކުއެކީގައި ކުރިއަށް ގެންދިއުމާ މެދު ކޮމިޓީން ގޮތެއް ކަނޑައަޅައި ދިނުމަށް ބަހުސް ހުޅުވައިލެއްވިއެވެ.

އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި، އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ ފުރަތަމަ ކުރިއަށްގެންދިއުމަށެވެ.

ނަމަވެސް އެ ދެ މައްސަލައަކީ އިޖުރާއަތާ ގުޅިގެން ހުށަހަޅާފައިވާ އެއްބާވަތުގެ ދެ މައްސަލަ ކަމަށް ވިދާޅުވެ، އެ ދެ މައްސަލަ އެކުގައި ކުރިއަށްގެންދަން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވިއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ ތާއީދާއެކު، ނިޒާހު ހުށަހެޅުއްވި ގޮތަށް އެ މައްސަލަ އެއްކޮށް ކުރިއަށްގެންދަން ފާސްކުރިއެވެ.

އޭގެ ފަހުން ހުޅުވައިލި ފުރުސަތުގައި އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، މައްސަލަ ބަަލައި ދިނުމަށް އެދި އަޒްމިރަލްދާ ކޮމިޓީއަށް ފޮނުވި ސިޓީގައި އިޖުރާއީ ގޮތުން ފާހަަގަކޮށްފައިވާ ބޮޑެތި ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ.

އެގޮތުން، ޖޭއެސްސީގެ މައްޗަށް އަޒްމިރަލްދާ ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި، ގާނޫނީ ވަކީލެއްގެ އެހިތެރިކަން ނިގުޅައިގަތުމާއި އިންސާފުން އެއްކިބާވެ، ވަކި ނަތީޖާއެއް ހާސިލް ކުރުމަށް ޖޭއެސްސީން މަސައްކަތް ކުރުމާއި ފުރައްސާރަ ކުރުމުގެ ގޮތުން ޖޭއެސްސީގެ އިސްނެގުމަށް އެތައް އަހަރެއް ކުރިން ހިނގާފާއިވާ ހާދިސާތައް ތަހުގީގު ކުރަމުންދާ ކަމަށް ބުނުމާއި އެ މައްސަލަ ނިންމުމުގައި، އިންސާފުން އެެއްކިބާވެ ޖޭއެސްސީ އާއި އެ މައްސަލަ ބެލި ޖޭއެސްސީގެ ކުޑަ ކޮމިޓީން މަސައްކަތް ކޮށްފައިވުން ހިމެނެއެވެ.

އޭގެ އިތުރުން އާއްމު ހުޅުވާލައިގެން މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަން އެދިފައިވަނިކޮށް، އަޑުއެހުންތައް ސިއްރު ކުރުމާއި މައްސަލައިގެ ލިޔެކިއުންތައް ނުދިނުމާއި މައުލޫމާތު ސިއްރުކޮށްގެން އަޒްމިރަލްދާގެ ހައްގުތަކަށް ހުރަސް އެޅުމާއި، ހުށަހަޅާފައިވާ ހެކިތަކަށް މައްސަލަ ނިންމުމުގައި ރިއާޔަތް ނުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

މައުރޫފް ވިދާޅުވީ، އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީ ނިންމި ރިޕޯޓްގައި ވެސް އަދި އެ މައްސަލައިގެ ހެކިންގެ ހެކިބަހުން ވެސް، ނުފޫޒު ފޯރުވުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް އަޒްމިރަލްދާ ގުޅާފައިވާކަން ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި ޖޭއެސްސީން މައްސަލަ ނިންމުމުގައި ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރެވިފައިވާކަން ފާހަގަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ޖޭއެސްސީއަށް އެފަދަ ތުހުމަތުތަކެއް ކޮށްފައިވާތީ، ޖޭއެސްސީން ވެސް، އަޒްމިރަލްދާ ވެސް ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތަކަށް އެދިފައިވާތީ، އެ ދެފަރާތް ކޮމިޓީއަށް ހާޒިރުކޮށް އެކުރާ ތުހުމަތުތަކުން ބަރީއަތްވުމުގެ ފުރުސަތު އެ ދެ ފަރާތަށް ދިނުމަށް ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވީ އެންމެ އަދުވެރިގޮތަކީ އެ ފަރާތްތަކަށް ފުރުސަތު ދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މައުރޫފު ޒާކިރުގެ ހުށަހެޅުއްވުމަށް ނާޒިލް ތާއީދު ކުރެއްވިއެވެ.

ނަމަވެސް ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ކޮމިޓީއަކީ ތަހުގީގީ އިދާރާއެއް ނޫން ކަށެމެވެ. ކޮމިޓީގެ މަސްއޫލިއްޔަތަކީ މައްސަލައެއް ހުށަހެޅުމުން އެކަން ހިނގި ގޮތެއް ބަލައި ފިޔަވަޅު އެޅުން ކަމަށްވެސް ވިދާޅުވިއެވެ.

ފަނޑިޔާރުގެ ބެލެނިވެރި ފަރާތަކީ ޖޭއެސްސީން ކަމަށާއި ކޮމިޓިގެ މަސްއޫލިއްޔަތަކީ ޖޭއެސްސީގެ ނިންމުމަކީ އިޖުރާއަތްތައް ފުރިހަމަތޯ އާއި، އޮންނަ އުސޫލުގެ ތެރެއިން ނިމިފައިވާ ކަމެއްތޯ ބެލުން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ބަލާއިރު ފަނޑިޔާރު ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމުގައި އެއްވެސް މައްސަލައެއް ނެތް ކަަމަށާއި މީގެކުރީގެ މަޖިލިސްތަކުގައި ވެސް ކޮމިޓީން ކަންތައް ކޮށްފައިވަނީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ނާޒިލް ވިދާޅުވީ، މައުރޫފު ހުށަހަޅުއްވާފައި ވަނީ ތަހުގީގެއް ހިންގަން ނޫން ކަމަށެވެ. ނަމަވެސް ރިޕޯޓުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެބޭފުޅުން ކޮމިޓީއާ ހިއްސާކުރަން އެދުނު މައުލޫމާތަކެއް އަޑުއަހާލުމަށް ފުރުސަތު ނުދޭންވީ ކީއްވެތޯ ވެސް ނާޒިލް ސުވާލު ކުރެއްވިއެވެ.

މީގެކުރިންވެސް ޖަޖުންގެނެސް އެބޭފުޅުންގެ ވާހަކަތައް ކޮމިޓީން އަޑުއަހާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބާކައުންސިލާއި ބައެއް ގާނޫނީ ވަކީލުންވެސް އެކަމަށް އެދި ކޮމިޓީއަށް ސިޓީ ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ، އަޒްމިރަލްދާގެ ސިޓީގައި ފުރުސަތު ނުދޭ ކަމަށް ވިދާޅުވާ އިރު، އަޒްމިރަލްދާގެ ހުރިހާ ވާހަކަތަކަށް ޖަވާބު ދެއްވާފައިވާ ކަމަށް ޖޭއެސްސީން މައްސަލަ ނިންމި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަޒްމިރަލްދާ އާއި ޖޭއެސްސީ ކޮމިޓީއަށް ޙާޒިރުކުރަން ނުފެންނަ ކަމަށް ވިދާޅުވެ، ޖޭއެސްސީގެ ނިންމުމަށް ތާއީދު ކުރާ ކަމަށާއި އެ މައްސަލަ ޖޭއެސްސީން ނިމިގޮތަށް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވަން ޝާހިދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ، ޖޭއެސްސީ އާއި އަޒްމިރަލްދާ ކޮމިޓީއަށް ހާޒިރުކޮށް ޖާވާބުދާރީވުމުގެ ފުރުސަތު ދޭން މައުރޫފު ޒާކިރު ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ.

އެގޮތަށް ފެންނަ ކަމަށް ވޯޓު ދެއްވީ، އެ ހުށަހެޅުން ހުށަހެޅުއްވި މެނަބަރު މައުރޫފް ޒާކިރު އާއި ތާއީދު ކުރެއްވި އިބްރާހިމް ނާޒިލް އެކަންޏެވެ.

އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ދެން ތިއްބެވި ހަތް މެންބަރުން ވޯޓު ދެއްވިއެވެ.

އެއަށްފަހު، އެ މައްސަަލަ އޮތް ގޮތަށް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވަން ޝާހިދު ހުށަހަޅުއްވައި، އަބްދުއްސައްތާރު ތާއީދު ކުރެއްްވި، މައްސަލަައަށް ވޯޓަށް އަހަން ނިންމުމަށްފަހު، މުގައްރިރު މައުރޫފް ޒާކިރަށް ފުރުސަތު ދެއްވިއެވެ.

އޭނާ ވިދާޅުވީ، ކޮމިޓީގެ މެޖޯރިޓީ އޮތީތީ ކަންކަން ކޮމިޓީން ފާސްކުރި ނަމަވެސް ކުޑަ ވަރެއްގެ އަދުލުވެރިކަން ބޭއްވުމަށްޓަކައި، ކަންކަން ހުށަހެޅުމަށް މައިނޯރިޓީއަށް ފުުރުސަތު ދޭންޖެހޭ ކަމަށެވެ. އެގޮތުން އިދިކޮޅުން އިތުރަށް ކަންކަން ހުށަހަޅަން ހުުރުމުން އިތުރު ފުރުސަތު ދިނުމަށް އޭނާ އެދިވޑައިގެންނެވިއެވެ.

ނަމަވެސް އެ މައްސަލައަށް އިދިކޮޅު މެންބަރުން ހުށަހެޅުއްވުމެއް ހުށަހަޅައި ވޯޓަށް އަހައި ފާސްނުވިކަން ފާހަގަ ކުރައްވައި ދެން އިތުރު ހުށަހެޅުމަކަށް ފުރުސަތު ނުދެއްވުމަށް މުގައްރިރު ނިންމެވިއެވެ.

ނަމަވެސް އެކަމާ ގުޅިގެން ދިކޮޅު އެމްޑީޕީގެ މެންބަރުނާއި ޕީއެންސީ މެންބަރުން ހިޔާލު ތަފާތުވުން ބޮޑުވެ، 15 މިނެޓްގެ ވަގުތުކޮޅަކަށް ކޮމިޓީ ބައްދަލުވުން މެދުކަނޑައިލެއްވިއެވެ.

އެއަށްފަހު ކޮމިޓީ ބައްދަލުވުން ފައްޓަވައި، ހުޅުދޫ ދާއިރާއަށް ފުުރުސަތު ދެއްވިއެވެ.

އޭނާ ވިދާޅުވީ، މިއަދު 10:30 އިން ފެށިގެން ކޮމިޓީ ބައްދަލުވުން ކުރިއަށްދާ އިރު، މިހާރު ކޮމިޓީގެ މަސައްކަތެއްގެ ގޮތުގައި އޮތީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ދިރާސާކޮށް ބަލަންޖެހޭ ބެލުންތަކެއް ހުރުމުން، ކޮމިޓީގެ މިއަދުގެ ބައްދަލުވުން އެހިސާބުން ނިންމާލެއްވުމަށްފަހު، އެހެން ދުވަހަކު ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ހުށަހެޅުއްވާ ކަމަށް ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.

ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެން ބައްދަލުވުން މެދުކަނޑައިލީ 4:39 ގައެވެ.