ކަންކަން މިހާރުދަނީ ފާލުން ނެއްޓެމުން

ޕާކިސްތާނާއި އިންޑިޔާގެ ކުރިމަތިލުންތަކުގެ ބިރުވެރިކަން ރެއިން ފެށިގެން ވަނީ އައު ހަރުފަތަކަށް އުފުލިފައެވެ. އިންޑިޔާގެ ހަމަލަތަކުގެ ރައްދުގައި ޕާކިސްތާނު ވަނީ ފުރަތަމަ ފަހަރަށް އިންޑިޔާގެ އެތެރޭގައިވާ އަސްކަރީ މަރުކަޒުތަކަށް ވައިގެ މަގުން ހަމަލަދީފައެވެ. ރޭގެ ވަގުތެއްގައެވެ. މިއީ ޕާކިސްތާނުގެ ތެރޭގައިވާ އަމާޒުތަކަށް ތިންރޭ މަތިން އިންޑިޔާއިން ދީފައިވާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުން ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަށް ޕާކިސްތާނުން ދީފައިވާ ނަމަކީ ބުންޔާން އަލްމަރުސޫސްއެވެ. މި އޮޕަރޭޝަނުގައި އިންޑިޔާގެ އިރުމަތީ ބިތުން ޕާކިސްތާނުގެ އިމާގާތުގައިވާ އިންޑިޔާގެ ވައިގެ ދިފާއީ މަރުކަޒުތަކަށް މިސައިލާއި ޑްރޯނުން ވަނީ ހަމަލަދީފައެވެ. މިއީ ސަރަހައްދީ ރޮގު ހުރަސްކޮށް އިންޑިޔާގެ އެތެރޭގައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލަދިން ކަމަށް ޕާކިސްތާނު އެއްބަސްވި ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުގެ އޮޮޕަރޭޝަނުގައިވެސް ދީނީކުލަ

ޕާކިސްތާނުން ބުނެފައިވަނީ މިއީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ދެ މަރުކަޒަކަށް އިންޑިޔާއިން އޭގެ ކުރީރޭ ހަމަލަދީފައިވާތީ އެކަމުގެ ރައްދު ކަމުގައެވެ. ދެން އޮންނާނީ ކަމަކަށް ކަމެއް ކަމުގައެވެ. ޕާކިސްތާނުގެ އޮޕަރޭޝަނުގެ ނަމަކީ ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ބުންޔާން އަލްމަރުސޫސެވެ. ދީނީ ކުލަޖެހިފައިވާ ނަމެކެވެ. އިންޑިޔާގެ އޮޕަރޭޝަނުގެ ނަމަކީ އޮޕަރޭޝަން ސިންދޫރެވެ. ސިންދޫރަކީ ހިންދީންގެ ދީނީ އަދި ސަގާފީ ރަމްޒެކެވެ. ކޮންމެއަކަސް މިދެބައި މީހުން މިދެންނެވި ކުލަޔާއި ރަހަޔާއި ވަސް އެކުލެވޭ އޮޕަރޭޝަންތަކެއް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ފަށައިގެން، ކަމަކަށް ކަމެއް ކުރުމުގެ މާނަޔަކީ ހުޅުވިފައިވާ ހަގުރާމައެއް ފެށުން ހެއްޔެވެ. އެޒާތުގެ ހަގުރާމައެއް ފެށުނީ ހެއްޔެވެ. އަދި ނުފެށެއެވެ. އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ހަގުރާމަ އިއުލާނެއް ނުކުރެއެވެ. އެކަމަކު އެހިސާބަށް ދިއުން ދެންއޮތީ ދުރުގައި ކަމަށް ނުބެލެވެއެވެ. މިދާގޮތަށް ކަމަކަށް ކަމެއް ކުރަންޏާ ދެން އެއީ ދާދި ގާތުގައި އޮތް ކަމެކެވެ.

އެއްގަމާއި ކަނޑުގެ ލަޝްކަރުތައް ކޮބާ؟

އޮޕަރޭޝަން ސިންދޫރުގައި އިންޑިޔާ ވަނީ ޕާކިސްތާނުގެ މިސްކިތްތަކަކަށްވެސް ހަމަލާދީފައެވެ. ހަމައެބީދައިން އޮޕަރޭޝަން ބުންޔާން އަލްމަރުސޫސްގައި ޕާކިސްތާނު ވަނީ އިންޑިޔާގެ ސިއްހީ ޚިދުމަތާއި ކިޔަވައިދިނުމުގެ ހަރަކާތް ހިންގާ ތަންތަނަށްވެސް ހަމަލަދީފައެވެ. އެއީ އިންޑިޔާ ބުނާގޮތެވެ. މިބީދައިން މިކަން ކުރިއަށް ދަންޏާ ދެން ހަގުރާމަ އިއުލާންކޮށް ހުޅުވިފައިވާ ހަގުރާމައެއް ފެށުން ދުރެެއް ނުވާނެއެވެ. މިހާތަނަށް ފެނިފައިވަނީ ދެފަރާތުންވެސް ހަމައެކަނި ވައިގެ ހަގުރާމައެއްގައި ޝާމިލްވެގެން އުޅޭ މަންޒަރެވެ. މިސައިލާއި ޑްރޯނާއި ޖެޓް ބޭނުންކުރާ މަންޒަރެވެ. އެއްގަމު ސިފައިންގެ މާބޮޑު ބައިވެރިވުމެއް ނެތެވެ. ކަނޑުގެ ސިފައިންގެ ބައިވެރިވުމެއްވެސް އަދި ނުފެނެއެވެ. ހުޅުވިފައިވާ ހަގުރާމައެއްގައި އެއްގަމާއި ކަނޑުގެ ލަޝްކަރުތައްވެސް ޝާމިލްވާނެއެވެ. ކުރެވޭނެއެވެ.

ކަންކަން ހައްލުކުރުމަށް ދެން މާގިނަ ވަގުތުތަކެއް ނެތް

ދެފަރާތުން ލިބެމުންދާ މައުލޫމާތާއި އަދި އެހެން ގައުމުތަކުގެ އިންޓެލިޖެންސުން އެއްކުރާ މައުލޫމާތަށް ރިއާޔަތްކުރާއިރު ދެގައުމުގެ އެއްގަމު ސިފައިންގެ ލަޝްކަރުތައް ސަރަހައްދީ އިމުގައި ރުކުރުވާލައި ތައްޔާރީ ހާލަތުގައި ތިބިކަމަށް ޔަގީން ކުރެވެއެވެ. ކަޝްމީރުގައި ދެގައުމުގެ ލަޝްކަރުތައް ވަކިކުރާ ރޮގު ނުވަތަ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އެއްބަޔަކު އަނެއް ބަޔަކަށް ބޮޑުބަޑިން ގަދަފަދަ ހަމަލާތަކެއް ދެމުން ގެންދިޔަ ކަމަށްވިޔަސް އެނޫން ހިސާބެއްގައި ބޮޑުބަޑީގެ ހަމަލާތަކެއް އަދި ބަދަލެއް ނުކުރެވެއެވެ. އިންޑިޔާގެ ކަނޑުގެ ފްލީޓް މިހާރު އޮތީ އެރޭބިއަންސީއަށް ނެރެފައެވެ. ޕާކިސްތާނާ ދެކޮޅަށް އޮޕަރޭޝަނެއް ފެށުމަށް ތައްޔާރީ ހާލަތުގައެވެ. އެހެންވީމާ އެއްގަމާއި ކަނޑުގެ ލަޝްކަރުތަކުގެ މެދުގައި ހަގުރާމަ ފެށުމަކީ ދެން ވަގުތުތަކެއް ހޭދަވާނޭ ކަމެއް ނޫނެވެ. ދެފަރާތުގެ ތައްޔާރުވުންތައް ހުރިގޮތަށް ބަލާއިރުއެވެ.

ދެފަރާތަށް މިހާތަނަށް ލިބުނީ ކޮން ގެއްލުމެއް؟

ވައިގެ އޮޕަރޭޝަންތަކުގައި ދެފަރާތަށްވެސް ގިނަގުނަ ގެއްލުންތަކެއް ވެއްޖެއެވެ. އެތައް ބަޔަކު މަރުވެއްޖެއެވެ. އަދި ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ބަދަލު ކުރަމުންދާ ބޮޑުބަޑީގެ ހަމަލާތަކުގައިވެސް ދެފަރާތުން އެތައް ބަޔަކު މަރުވެއްޖެއެވެ. މުދަލާއި ތަންތަނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ލިޔުމުގައި ހަމަލާތަކުގެ ބާވަތާއި ލިބުނު ގެއްލުންތަކާއި މަރުވި މީހުންގެ އަދަދަށް ބެލުމާއި އެކަންކަން ތަފްސީލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ނުދެކެމެވެ. އަދަދުތައް ދަނީ ބަދަލުވަމުން ކަމަށްވާތީއެވެ. އެހެންވީމާ ބަލައިލާން ކަމަށް ގަސްތުކުރަނީ ސުލްހަވެރި މަގަކުން މިކަން ނިމުމަށް އޮތް ފުރުސަތާ މެދުގައެވެ. އެކަމަށް ހުޅުވިފައިވާ ދޮރުތަކާމެދުގައެވެ. މިދަނޑިވަޅުގައި މައްސަލަ ހައްލުކުރުމަށް އޮތީ ދެމަގެކެވެ. އެއްމަގަކީ ދެގައުމުގެ މެދުގައި ސީދާކޮށް މުވާސަލާތު ކުރުމެވެ. މިވަގުތު އެކަމެއް ނެތެވެ. މާނަޔަކީ އިންޑިޔާއާއި ޕާކިސްތާނު އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ނުދެއްކުމެވެ.

ދެފަރާތުގެ މެދުގައި އެއްވެސް ކަހަލަ މުވާސަލާތެއް ނެތް

ވާހަކަ ނުދައްކަންޏާ މަޝްވަރާ ކުރާނީ ކިހިނަކުން ބާވައެވެ. އެހެންވީމާ މިވަގުތު އެންމެ މުހިންމު ކަމަކީ މުވާސަލާތުގެ ލައިނެއް ގާއިމުކުރުމެވެ. އެކަހަލަ ލައިނެއް ނެތިއްޔާ ކަމަކަށް ކަމެއް ކުރުމުގެ އޮއިވަރުގެ ތެރެއިން ނިއުކުލިއަރ ފިތަށް ފިތައިލާ ހިސާބަށް ކަންކަން ގޯސްވެގެން ހިގައިދާނެއެވެ. މިވަގުތު ދެބައިމީހުންނަށްވެސް އަނެއް ބައެއްގެ ވިސްނުން އެނގެނީ ދެފަރާތުން މީޑިޔާއަށްދޭ ބަޔާންތަކުންނެވެ. ޕާކިސްތާނުން އެބަބުނެއެވެ. ބޯޅައޮތީ އިންޑިޔާގެ ކޮޅުގައެވެ. އެމީހުން ހުއްޓާލީމާ އަހަރެމެންވެސް ހުއްޓައިލާނަމެވެ. ހަގުރާމަކުރުމަކީ އަހަރެމެންވެސް ބޭނުންކަމެއް ނޫނެވެ. އިސްވެ ހަމަލަދިނީ އިންޑިޔާއިންނެވެ. އެހެންވީމާ އިސްވެ ހުއްޓާލަންވާނީވެސް އިންޑިޔާއިންނެވެ. ފެންނަ ފެނުމުގައި އިންޑިޔާގެ ބަސްމަގަށްވެސް މިހާރު ބަދަލުތަކެއް އަތުވެއްޖެއެވެ. ޚާއްސަކޮށް އިންޑިޔާގެ އެތެރޭގައިވާ އަސްކަރީ މަރުކަޒުތަކަށް ދާދިފަސޭހަކަމާއެކު ޕާކިސްތާނުން ހަމަލަތަކެއް ދިނުމުންނެވެ. އޭގެފަހުން އިންޑިޔާގެ އެކި އޮފިޝަލުންގެ ބަސްމަގަށް ވިސްނާއިރު ގަބޫލު ކުރެވެނީ މައިތިރިވުމުގެ ވިސްނުމެއް ގެންގުޅެން އިންޑިޔާވެސް ބޭނުންވާ ކަމުގައެވެ.

ބައިނަލްއަގުވާމީ ފަރާތްތަކުގެ ދައުރު

އިންޑިޔާ ހީކުރާ ބީދަޔަކުން ޕާކިސްތާނު ބަލިކުރެވެން ނެތްކަން ކަށަވަރުވުމުންނެވެ. އަދި ދުނިޔޭގެ ރައުޔުވެސް އިންޑިޔާއާ މުޅިން އެއްކޮޅަށް ނެތުމުންނެވެ. ބައިނަލްއަގުވާމީ ފަރާތްތަކުގެ ބައިވެރިވުމެއް ނެތި މަސްރަހު ފިނިކުރުމަކީ ކުރެވޭނެ ކަމެއް ކަމުގައި ނުފެނެއެވެ. އެކަމަކު އދ. ގެ އަޑެއް ބަޑެއް އަދިނީވެއެވެ. ސަރަހައްދީ ޖަމިއްޔާ ސާކުގެ އަޑެއްވެސް ނީވެއެވެ. އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީގެ އަޑެއްވެސް ނީވެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން އެމެރިކާގެ ބަސްމަގު ހުރީ ދެއިރު ދެގޮތަށެވެ. އެއްފަހަރު ބުނާނެއެވެ. އަހަރެމެންނާ ބެހޭ ކަމެއް ނޫނެވެ. އެހެން ވިދާޅުވީ އިންޑިޔާ މީހަކާ ކައިވެނިބައްލަވައިގެން އުޅުއްވާ ނާއިިބުރައީސް ޖޭޑީ ވޭންސެވެ. ރައީސް ޓްރަމްޕު އެއްދުވަހު ވިދާޅުވެއްޖެއެވެ. އިންޑިޔާގެ އަމަލުތަކާމެދު ލަދުވެތިވަމެވެ. އަނެއްދުވަހަކު ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ ކަންތައްވެސް ދެންމާބޮޑީއެވެ. އެކަމަކު މިހާރު ފެންނަގޮތުން އެމެރިކާ މިކަމުގެ ތެރެއަށް ވަންނަން ތައްޔާރުވެއްޖެއެވެ.

އެމެރިކާއިން ކުޅެނީ ކޮން ދައުރެެއް؟

އެމެރިކާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯ ވަނީ ދެގައުމުގެ ޚާރިޖީވަޒީރުންނަށްވެސް ގުޅުއްވައިފައެވެ. އަދި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް މުނީރަށްވެސް ގުޅުއްވައިފައެވެ. މި މައްސަލައިގައި އިންޑިޔާ ކޮޅަށް އަރަން އެމެރިކާގެ ބައެއް ވެރިން ބޭނުންވިޔަސް އެކަން ކުރެވޭކަށް ނެތެވެ. ޕާކިސްތާނާއި އެމެރިކާގެ މެދުގައި ގާއިމުކުރެވިފައިވާ ސިއްރު އެއްބަސްވުންތަކުގެ ސަބަބުންނެވެ. އަލްގައިދާއާ ދެކޮޅަށް އެމެރިކާއިން ހިންގި ހަރަކާތާއި އަދި އަފްޣާނިސްތާނުގައި އެމެރިކާއިން ހިންގި އޮޕަރޭޝަނަށް ޕާކިސްތާނުން މަދަދުކުރީ ދެނެގަތުމެއްގެ ތެރެއިންނެވެ. ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައިއޮތީ ޝަރުތުތަކެއްގެ ތެރެއިންނެވެ. އެހެންވީމާ އިންޑިޔާ ހަދާނެ އެއްޗެއް ހަދަން ޕާކިސްތާނު ދޫކޮށްލުމަކީ އެމެރިކާއަށް ކުރެވެންއޮތް ކަމެއް ނޫނެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން އިންޑިޔާއާއި ޕާކިސްތާނުގެ މައްސަލައިގެ ތެރެއަށްވަދެ މިދެބައިމީހުން މައިތިރިކުރުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ އެމެެރިކާއަށެވެ. އެމެރިކާގެ ޚާރިޖީވަޒީރު މިމަސައްކަތް މިހާރު ފައްޓަވައިފިކަމަށް ފެނެއެވެ. ދެގައުމުގެ މެދުގައި މުވާސަލާތުކުރަން ފެށުމަށް އޭނާ ގޮވާލައްވައިފިއެވެ. މައްސަލަ ހައްލުކުރުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރަން ބޭނުންވާކަން ފާޅުކުރައްވައި ދެފަރާތަށްވެސް އެންގެވުނަތަކެއް އަންގަވައިފިއެވެ. އެހެންވީމާ ދެންވާގޮތެއް ބަލަން ތިބެމާބަހީއެވެ.