ބަޔާން ލެވަކޫސަން ދޫކޮށްލައި، ޒަބީ އެލޯންސޯ ރެއާލް މެޑްރިޑާ ހަވާލުވާން އެއްބަސްވެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

އުމުރުން 43 އަހަރުގެ އެލޯންސީ، ލެވަކޫސަން ދޫކޮށްލާނެކަން އިއްޔެ ވަނީ ޔަގީން ކޮށްފައެވެ. އެލޯންސޯ އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ލީގުގައި ބާކީ އޮތް ދެ މެޗަކީ އޭނާ ލެވަކޫސަންގެ ކޯޗުކަމުގައި ހުންނާނެ އެންމެ ފަހު ދެ މެޗު ކަމަށެވެ.

އޭގެ އިތުރުން އޭނާ ބުނީ މިވަގުތަކީ ކުރިމަގާ ދޭތެރޭ މާ ބޮޑަށް ވާހަކަ ދެއްކެން އޮތް ވަގުތެއް ނޫން ކަމަށާއި ލެވަކޫސަންގައި ހޭދަވި ތިން އަހަރަކީ ހަނދާނުން ފިލައިގެން ނުދާނެ އުފާވެރި ތިން އަހަރު ކަމަށެވެ.

އެލޯންސޯއާ އެކު ލެވަކޫސަންއިން ވަނީ މިދިޔަ ސީޒަނުގެ ލީގާއި ޖަރުމަނު ކަޕްވެސް ހޯދައިފައެވެ. އެންމެން ހައިރާން ކޮށްލައި، ޔޫރޮޕާ ލީގުގެ ފައިނަލަށްވެސް ލެވަކޫސަން ދިޔަ އިރު، ލީގު ހޯދީ މެޗަކުން ބަލިނުވެެއެވެ.

ކުރިން ރެއާލް މެޑްރިޑާއި ލިވަޕޫލް އަދި ބަޔާން މިއުނިކަށް ވެސް ކުޅުނު އެލޯންސޯ ދިޔުން މިވަގުތު އެންމެ ގާތީ ރެއާލަށެވެ. 2009 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް އެ ކްލަބަށް ކުޅުނު އެލޯންސޯ ރެއާލަށް ދާން އެއްބަސްވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ޔަގީންކަން ދީފައިވެއެވެ.

ރެއާލްގައި މިވަގުތު ހުރި 65 އަހަރުގެ ކާލޯ އެންޗެލޮޓީ، އެ ކްލަބު ދޫކޮށްލައި، ބްރެޒިލް ގައުމީ ޓީމާ ހަވާލުވާން ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ. އެލޯންސޯ ރެއާލަށް ދާނީ އޭނާގެ ބަދަލެއްގެ ގޮތުގައެވެ.