އިންޑިއާގައި މިއަދު ފެށި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއިން ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި ޗެމްޕިއަން ބަންގްލަދޭޝްއާ އެއްވަރު ކޮށްފިއެވެ.
މިއަހަރުގެ 19 އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕް މިއަދު އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި ކުރިއަށް ދަނީ ޔޫޕިއާގައެވެ. މެޗުތައް ކުޅޭނީ ޔޫޕިއާގެ ގޯލްޑަން ޖުބްލީ އައުޓްޑޯ ސްޓޭޑިއަމްގައެވެ.
މިމަހުގެ ނުވަޔަކުން 18 އަށް މުބާރާތް އޮންނަ އިރު، ޖުމުލަ ހަ ޓީމު ވާދަކުރާނެއެވެ. ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާއި ބޫޓާނާއެކުގައެވެ. ދެން އޮތް ގްރޫޕްގައި ހިމެނެނީ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާއާއި ދެ ފަހަރު ތަށި ހޯދާފައިވާ ނޭޕާލް އަދި ސްރީ ލަންކާއެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާ ދެކޮޅަށް މިއަދު ނުކުތް އިރު،
ރާއްޖެއަށް މުބާރާތް ބާއްވާ ޔޫޕިއާއަށް ދިޔުމަށް ވަނީ އުނދަގޫތަކެއް ދިމާވެފައެވެ.
ފުރަތަމަ ދާން އޮތީ ފަށާ ދުވަހުގެ ތިން ދުވަސް ކުރިން ހުރިހާ ކުޅުންތެރިން އެއްކޮށް ނަމަވެސް، ފްލައިޓްތަކަށް އައި ބަދަލާއެކު ރާއްޖެ ޓީމުން ޔޫޕިއާއަށް ދިޔައީ ތިން ގްރޫޕަކަށް ބަހައިގެންނެވެ. އެހެން ދާން ޖެހުމުން ޓީމު ހަވަމީ މެޗުގެ 24 ގަޑިއިރެއްހާއިރު ކުރިއަށެވެ.
އެ ހާލަތުގައި އޮވެ ރާއްޖެއަށް ފެށުން އުނދަގޫވެސް ވިއެވެ. ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން ދެ ގޯލު ޖަހައި ރަނގަޅަށް ފެށި އިރު، އެޓީމުގެ ގޯލުތައް ޖެހީ ނަޒްމުލް ހުދާ ފަޔިސަލްއާއި އެމްޑީ ރިފާޓް ކާޒީއެވެ.
އެ ދެ ގޯލާއެކު ބަންގްލަދޭޝްއިން ރަނގަޅަށް ފެށި ނަމަވެސް، ދެވަނަ ހާފުގައި ރާއްޖެއިން ހިތްވަރުކޮށް މެޗަށް އަނބުރާވަނެވެ. 57 ވަނަ މިނެޓުގައި އަނޫފް އަބްދުﷲ ޖެހި ގޯލާއެކު ރާއްޖެއިން ހިތްވަރު ހޯދި އިރު، 73 ވަނަ މިނެޓުގައި އީތަން އިބްރާހީމް ޒަކީ ޖަހައިދިން ހިތްގައިމު ގޯލާއެކު ރާއްޖެއިން އެއްވަރުކުރިއެވެ.
ރާއްޖެއަށް ދެން ގްރޫޕް ސްޓޭޖުގައި ކުޅެން އޮތީ ބޫޓާނާ ދެކޮޅަށެވެ. އެމެޗު އޮންނާނީ އަންގާރަ ދުވަހުއެވެ.
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް