އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާ ހަނގުރާމައާ ގުޅިގެން ޕާކިސްތާނުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ހާލު ގާތުން ބަލަމުންގެންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާއާއި ޕާކިސްތާނު ގުޅޭ ކަޝްމީރު ސަރަހައްދުގެ މަޝްރަހު ގޯސްވެފައިވާ އިރު، ދެ ގައުމުން ވަނީ ހަމަލާ ބަދަލުކުރަން ފަށައިފައެވެ.

އިންޑިއާއިން ފަށާފައިވާ ''އޮޕަރޭޝަން ސިންދޫރު'' ގައި އެ ގައުމުން ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރިން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދިނުމަށް ކަމަށްބުނެ ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް މިސައިލު ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 31 އާންމުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެ ގޯސްވާ ނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މި މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މިދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިގެންދަނީ ކުރަމުންނެވެ..،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއްދީ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ އެ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް އެދޭ ކަމަށެވެ.

  • ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143+
  • މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400

ޕާކިސްތާނާއި އިންޑިއާގެ ކޯޅުން އަލުން ވަރުގަދަވެފައި މިވަނީ އިންޑިއާއިން ކޮންޓްރޯލު ކުރާ ކަޝްމީރުގެ ސަރަހައްދުގައި ތިބި ފަތުރުވެރިންތަކަކަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަނގުރާމަވެރި ބަޔަކު ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ގިނަ ބަޔަކު މަރުވުމުންނެވެ. އިންޑިއާއިން ވަނީ އެކަމުގެ ފަހަތުގައި ޕާކިސްތާނު ތިބި ކަމަށްބުނެ ބަދަލު ހިފަން ފަށައިފައެވެ. ޕާކިސްތާނުން އަދިވެސް ދަނީ އެ ހަމަލާގައި އެއްވެސް ގޮތަކަށް ބައިވެރިނުވާ ކަމަށްބުނެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.