މިިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފިއެވެ.

ޔުމްނުގެ އާއިލާއިން މިރޭ ދިން ވީޑިއޯ މެސެޖެއްގައި ޔުމްނުގެ ދައްތައަކު ޔުމްނުއާ ހަވާލާދީ ބުނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށެވެ.

ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ ބުނީ ފެންޓެނޯއީއަށް ޔުމްނުއާއެކު ވަން ރައުދު އަހުމަދު ޒިލާލް 21އ ގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކުވެސް އުޅުނު ކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ނަމެއް އޭނާ ނުބުނެއެވެ.

ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ ބުނީ ފެންޓެނޯއީއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ އިރު، އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. ނަމަވެސް ޔުމްނު ވެއްޓުނު ރޭ އިތުރު ބަޔަކާއެކު ޔުމްނު އުޅެފައިވާކަމަށް ފުލުހުންވެސް ބުނެފައިވެއެވެ.

ފުލުހުން ވަނީ އެ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް ފަރާތްތަކާ އާއިލީ ގޮތުން ގުޅުންހުރި މީހުންވެސް ހިމެނެއެވެ.