ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ސިފައިންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފިއެވެ.

ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ، އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ކޮމިޓީން ނިންމުމުގެ ކުރިން، އެ މައްސަލައާ ބެހޭގޮތުން ޕޮލްކޯގެ ކުރީގެ އެކްސްކޯ މެންބަރުންނާ ބައްދަލުކުރުމެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ މައްސަލައާ ބެހޭގޮތުން މިއަދު ބާއްވާ ބައްދަލުުވުމުގައިވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބޭފުޅުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާ ކަމަށެވެ.

އެހެންކަމުން ކުރީ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައިވެސް، އެ ކޮމިޝަނުން އެދިގެން އެ ބައްދަލުވުން ސިއްރުކުރިގޮތަށް މިއަދުގެ ބއްދަލުވުންވެސް ކުރިއަށްގެންދާނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ.

މިދިޔަ އަންގާރަ ދުވެހު ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުންވެސް އޭސީސީގެ ބޭފުޅުން ވިދާޅުވެގެން ސިއްްރު ކުރިއެވެ.

އެ ދުވަހުގެ ބައްދަލުވުމަށް ޕޮލްކޯގެ އިސްބޭފުޅެއް ކަމަށްވާ އަބްދުލްމަންނާނު ޔޫސުފާއި ޕޮލްކޯގެ ފުރަތަމަ ދެ ދައުރުގެ ހަޒާންދާރު ނަހުޝާދު ސާނީ ހާޒިރުކުރިއެވެ.

އެ މައްސަލަަތައް ކޮމިޓީން ކުރިއަށްގެންދަނީ، އޭސީސީއާ ގުޅިގެންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އޮބްޒާވަރެއްގެ ގޮތުގައި އޭސީސީން ބައިވެރިވާ ކަމަށެވެ.