މދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، (21އ)، ވެއްޓުނު މައްްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފިއެވެ.
ރައީސް މުއިއްޒު އެ ކޮމިޝަން އުފެއްދެވީ މިދިޔަ މަހުގެ 27 ގައެވެ. އެ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕޯޓަލެއް ތައާރަފު ކުރާނެ ކަމަށެވެ.
އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޕޯޓަލް މިހާރު ތައާރަފުކޮށްފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް ކޮމިޝަނާ ހިއްސާކުރަން ބޭނުންވާނަމަ، ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ކޮމިޝަންގެ މަސައްކަތާ ގުޅޭގޮތުން ވެސް ސުވާލު ކުރެވެން ހުންނާނެ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންވަނީ ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުންވަނީ ފަސް ދުވަހަށް ބަންދުކޮށްފައެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު 10 ދުވަސް ޖަހައިފައެވެ.
މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރީން ސާމްޕަލް ނަގައިފައެވެ. އޭރު އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފައެވެ.
ފުލުހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ ރައުދު ދޫކޮށްލީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އަނިޔާވި އަންހެން ކުއްޖާ ހިމެނޭހެން އަށް މީހުން (ތިން އަންހެނުން، ފަސް ފިރިހެނުން) މާލޭގެ މެދުގައި ހުރި ގެއަކަށް ގޮސް އެ ގެއިން 18 ވަނަ ދުވަހުގެ ރޭގަނޑު 12:00-12:30 އާ ދެމެދު ނުކުމެއެވެ. އަދި އެ މީހުން ނުކުމެގެން އޭގެ ތެރެއިން ހަތަރު މީހުން އަމީނީ މަގުން ހެންވޭރުކޮޅުގައި ހުރި ގެއަކަށް ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ގެއަށް ގޮސްފައިވަނީ އަނިޔާވި އަންހެން މީހާއާއި ތިން ފިރިހެނުން ކަމަށާއި އޭގެ ތެރެއިން ދެ ފިރިހެނުން އެ ގެއަށް ދިޔައީ ސައިކަލުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނިޔާވި އަންހެން މީހާއާއި ދެން ހުރި ފިރިހެން މީހާ ހިނގާފައި ގޮސް އެގެއަށް ވަދެ، އެ ގޭގައި އެ ދުވަހުގެ ހަވީރު 4:30 ވަންދެން ތިބި ކަމަށް ފުލުހުން ބުނެފައިވެއެެވެ.
އޭގެ ފަހުގައި އެ ގެއަށް ދިޔަ އަންހެން މީހާއާއި ފިރިހެން މީހާ ހިނގާފައި ގޮސް ބުރުޒު މަގުގައި ހުންނަ ގެއަކަށް ވަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ހުރީ މަސްތުގެ ހާލަތުގައެވެ. އެކަން އަމަލުންވެސް އެނގޭ ކަމަށް ބުނެފައިވެއެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެ މީހުން ބޮޑަށް ހަރަކާތްތެރިވެފައިވަނީ 7،8،9 ވަނަ ފްލޯގައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާ ވެއްޓުނީ 9 ވަނަ ފްލޯގެ ވައިގޮޅިން ކަމަށާއި އެއިރު އޭނާއާއެކު އެ ގެއަށް ވަން ފިރިހެން މީހާ ހުރީ އެހެން ފްލޯއެއްގައި ކަމަށެވެ. އެހެންކަމުން އެއީ އޭނާގެ ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ފިރިހެން މީހާއަކީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ މަސްތުވާތަކެތީގެ ދާއިމީ ނަތީޖާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ، އަންހެން މީހާ "ރޭޕް" ކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އަންހެން މީހާއަށް ޖިންސީ ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު ފުލުހުންގެ ހޯމަސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށް އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފައިވާކަމަށް މިމަހުގެ ފަސްވަނަ ދުވަހު ފުލުހުން "ވަން"އަށް މައުލޫމާތުދީފައިވެއެވެ.
މުހައްމަދު އިޝާން
ހެލްތު މިނިސްޓަރު ގީލާ އަލީ
ރިޕޯޓް
ރިޕޯޓް
ބޭރު ކުޅިވަރު