އާސެނަލަށްވުރެ މޮޅު ޓީމެއް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ނުކުޅޭ ކަމަށާއި، ރޭ ސެމީ ފައިނަލުން ކަޓައިގެން ދިޔައީވެސް މޮޅު ޓީމު ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އާސެނަލުން ރޭ ޕީއެސްޖީ ދަނޑަށް ނުކުތީ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ބަލިވެފައި އޮތް ނަތީޖާ އަނބުރާލުމަށް ނަމަވެސް، ދެވަނަ ލެގު ޕީއެސްޖީން ވަނީ 2-1 އިން ކާމިޔާބުކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ފައިނަލް ޔަގީން ކޮށްފައެވެ.
އާސެނަލުން 2008-09 ވަނަ އަހަރުގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ސެމީއަށް ނުކުމެ، ފައިނަލާ ހަމައަށް ނުގޮސް ނިންމާލި އިރު، ރޭގެ ނަތީޖާއާއެކު އެޓީމުން މި ސީޒަން ނިންމާލަން ޖެހޭނީވެސް ހުސް އަތާއެވެ. މިދިޔަ ފަސް އަހަރުވެސް އާސެނަލަށް ތަށްޓެއް ލިބިފައި ނުވާ އިރު، އެޓީމަށް މިހާތަނަށް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއްވެސް ނުވެއެވެ.
"އަހަރެމެން ފައިނަލާ ވަރަށް ގާތްކުރި. ނަތީޖާއިން ފެންނަ ފެނުމަށްވުރެވެސް ގާތްކުރި. އަހަރެން ފަހުރިވެރިކަމާއެކު ބުނަން ބޭނުންވޭ، އާސެނަލީ 100 ޕަސެންޓް ޔަގީންކޮށް، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ މޮޅު ޓީމު. އެހެންވިޔަސް ދެން ކެޓީ،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ ޗެމްޕިއަންސް ލީގުގެ ނަތީޖާ ބަރޯސާ ވާނީ ދެކޮޅުގެވެސް އޭރިއާއަށް ކަމަށާއި، ޕީއެސްޖީ ދެކޮޅު އޭރިއާގައިވެސް ކާމިޔާބު ހޯދި ކަމަށެވެ. އެގޮތުން ޕީއެސްޖީގައި ހުރި އިޓަލީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ދެލެގުގައިވެސް ތަފާތު ދެއްކި އިރު، އެޓީމުން ލިބުނު ފުރުސަތުތަކުގެ ބޭނުންކުރި ކަމަށް އާޓެޓާ ބުންޏެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު