ޗައިނާގެ ރައީސް ޝީ ޖިން ޕިން ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާއަށް ވަޑައިގެންފިއެވެ.

ޗައިނާގެ ރައީސް ރަޝިޔާއަށް ވަޑައިގެންފައިވަނީ ރަޝިޔާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބާއްވާ މިލިޓަރީ ޕެރޭޑު ޝަރަފުވެރިކުރެއްވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާގެ އެންމެ ގާތް އެއް އެކުވެރި ގައުމުގޮތުގައި ލޭބަލްވެފައިވާ ޗައިނާގެ ރައީސް ރަޝިޔާއަށް ކުރައްވާ ހަތަރު ދުވަހުގެ އެ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކަން ދައްކައިދޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އެ ގައުމުގެ މީޑިއާ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވަނީ ރަޝިޔާއަށް ކުރައްވާ ދަތުރުފުޅަކީ ދެގައުމުގެ ދެމެދު އޮތް ގާތްކަން ދައްކައިދޭ ހެއްކެއް ކަމަށާއި އެ ގުޅުން ކަނޑުވަން މަސައްކަތްކުރާ ފަރާތްތަކަށްވެސް މެސެޖެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ރަޝިޔާގެ ވިކްޓްރީ ޑޭގެ ރަސްމީ ޕެރޭޑުގައި ބައިވެރިވުމަށް ބޭރު ގައުމުތަކުގެ އިސްވެރިން އެގައުމަށް ވަޑައިގަންނަވާނެއެވެ. އެގޮތުން ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ދަ ސިލްވާ އާއި ވިއެޓްނާމްގެ ރައީސް ޓޫ ލަމްގެ އިތުރުން ބެލަރޫސްގެ ލީޑަރު އެލެކްސަންޑާ ލުކަޝެންކޯ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.