އިންޑިއާއިން ''އޮޕަރޭޝަން ސިންދޫރު'' ފަށައި ޕާކިސްތާނަށް ހަމަލާދީފިއެވެ.

އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ކަޝްމީރު ބޯޑަރުގައި ހަމަނުޖެހުން ބޮޑުވެ ދެގައުމު ދެމެދު ހަނދުރާމަ ފެށިފައިވާއިރު އިންޑިއާއިން ރޭގައި ވަނީ ވަރުގަދަ ހަމަލާތަކެއް ޕާކިސްތާނަށް ދީފައެވެ.

އިންޑިއާއިން ރޭ ދިން މިސައިލް ހަމަލާ އަމާޒުކޮށްފައިވަނީ ކަޝްމީރުގެ ޕާކިސްތާނު ކޮންޓްރޯލް ކުރާ ފަސް ސަރަހައްދަކަށެވެ. އެގޮތުން ހަމަލާ ދީފައިވަނީ ކަޝްމީރުގެ ވެރިރަށް މުޒައްފަރުއާބާދާއި ކޮޓްލީގެ އިތުރުން ބާގްއަދި ބަހާވަލްޕޫރާއި މޫރިދްކޭ އަށް ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ޕާކިސްތާނަށް ދިން ހަމަލާގައި އެގައުމުން އަށް މީހަކު މަރުވެފައިވާ އިރު މިހާތަނަށް 35 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދީފައިވާ ކަމަށްވެސް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނުން ވެސް ވަނީ ރައްދުގައި ދިން ހަމަލާތަކުގައި އިންޑިއާގެ ދެ ފައިޓަރު ޖެޓު ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އިންޑިއާއިން އަދި އެކަމުގައި މައުލޫމާތު ހިއްސާކޮށްފައެެއް ނުވެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނާއި އިންޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ދެގައުމު ސިފައިން ބަޑިން ހަމަލާދެމުން ދާކަމަށާއި އެހަމަލާތަކުގައި ދެގައުމުން ވެސް ސިފައިން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ހަމަލާ ބަދަލުކުރަން ފެށުމާއެކު އިންޑިއާގެ އުތުރުގެ ސަރަހައްދުން ދަތުރުކުރާ ކޮމާޝަލް ގިނަ ފްލައިޓުތަކެއް ވަނީ ދަތުރުތައް ކެންސަލްކޮށްފައެވެ. އަދި އިންޑިއާއިން ވަނީ އެގައުމުގެ ސްރީނަގާރް އެއާޕޯޓުވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައެވެ.

ޕާކިސްތާނަށްވެސް ދަތުރުކުރާ ގިނަ ފްލައިޓުތަކެއް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެންސަލްކުރަން ފަށައިފައެވެ. އެގޮތުން ގަތަރު އެއާވޭސް އިން ވަނީ އެއެއާލައިނުން ޕާކިސްތާނަށް ކުރާ ދަތުރުތަށް މަޑުޖައްސާލާފައިވާ ކަމަށް ބުނެފައެވެ.

އިންޑިއާއިން ދިން ހަމަލާއާ ގުޅިގެން ޕާކިސްތާނުން ވަނީ އެގައުމުގެ ޕަންޖާބް ސްޓޭޓްގައި ކުއްލިހާލަތު އިއުލާން ކޮށްފައެވެ.