ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފު މަސާޖު ޕާލާއަކުން ހައްޔަރުކޮށްފައިވަނީ ބަރަހަނާ ހާލުގައިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކަ އަޒްމިރަލްދާގެ ވަކީލު ދޮގުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 26 ގައި ޖޭއެސްސީން އަޒްމިރަލްދާ ސަސްޕެންޑުކުރީ، މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ލަތީފު މާލޭގެ ސްޕާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން، އޭނާ މިނިވަންކުރުމަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް މިދިޔަ އާދިއްތަ ދުވަހު ވަނީ އަޒްމިރަލްދާ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އަޒްމިރަލްދާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް އަންނަނީ ބަލަމުންނެވެ. އަޒްމިރަލްދާގެ ފަރާތުން ވަނީ އޭސީސީއާ ދެކޮޅަށް ފުލުހަށްވެސް މައްސަލައެއް ހުށަހަޅައިފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މައްސަލަ ނުބެލޭނެކަން އަންގައިފައެވެ.

އެ މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ، ޖޭއެސްސީގެ ރިޕޯޓުގައި ހަމައެކަނި އޮތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބަޔާންތަކެއްގެ ވާހަކަ ކަމަށް ކަމަށާއި ސާބިތު ހިފޭ ވާހަކަތަކެއް އޭގައި ނެތް ކަމަށެވެ.

ޝަމީލް ވިދާޅުވީ، ލަތީފު ހައްޔަރުކުރިއިރު ހުރީ ބަރަހަނާ ހާާލަތުގައި ކަމަށް ޖޭއެސްސީން ބުނެފައިވާ އިރު، އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

"ޑރ. އިސްމާއީލް ލަތީފު އޮތީ ބަރަހަނާ ހާލަތުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކުރައްވައިފައި އޮތް އޮތުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް. ލަތީފް އޮންނެވި ސްޕާއަށް ފުލުހުން ވަން އިރު، އެ ފުލުހުންގެ ގައިގައި ހުރި ބޮޑީ ކެމެރާގެ ފުޓޭޖުން ވެސް، އޭނާ އޮންނެވީ ބަރަހަނާކޮށް ނޫންކަން އެނގޭނެ،" ޝަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީލް ވިދާޅުވީ، ލަތީފް ހައްޔަރުކުރި ސްޕާއިން ބަރަހަނާކޮށް ތިބި އަންހެނަކާއި ފިރިހެނަކު ހައްޔަރުކުރިކަން އެނގޭ އިރު، ފިރިހެން މީހާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، އަންހެން މީހާއަށް ހަށިވިއްކުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އުފުލާފައިވާ ކަމަށެވެ.