މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގުތިސާދުގައި ދައުރުވި ފައސާތަކުގެ ތެރެއިން 100 މިލިއަން ރުފިޔާ މަދުވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދުގައި ދައުރުވި ފައިސާގެ އަދަދަކީ 59.2 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އިގުތިސޯދުގައި ދައުރުވަމުންދާ ފައިސާގެ އަދަދަކީ 59.1 ބިލިއަން ރުފިޔާކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

އެއީ އެއް ޕަސަންޓުގެ ދަށްވުމެއް ކަމަށް އަހަރި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިވަގުތު ރާއްޖޭގެ އިގުތިސޯދުގައި ދައުރުވަމުންދަނީ 59.1 ބިލިއަން ރުފިޔާއެވެ.

އެމްއެމްއޭއިން ބުނީ 2022 ވަނަ އަހަރު އިގުތިސޯދު ތެރޭގައި ދައުރުވި ފައިސާ ހަ ޕަސަންޓަށް އިތުރުވި ކަމަށާއި 2023 ވަނަ އަހަރު އިގުތިސޯދު ތެރޭގައި ދައުރުވި ފައިސާގެ އަދަދު ހަތް ޕަސަންޓަށް އިތުރުވި ކަމަށެވެ.

މިދިޔަ އަހަރު އެއް ޕަސެންޓް އިގުތިސޯދުގައި ދައުރުވާ ފައިސާގެ އަދަދު ދަށްވިކަމަށް އެމްއެމްއޭއިން ބުންޏެވެ. ނަމަވެސް މިދިޔަ ފަސް އަހަރަށް ބަލާއިރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ 45 ޕަސެންޓް އިތުރުވެފައިކަން އެމްއެމްއޭއިން ފާހަގަކުރިއެވެ.

އެމްއެމްއޭއިން ބުނީ 2020 ވަނަ އިގުތިސޯދު ތެރޭގައި ދައުރުވީ 41 ބިލިއަން ރުފިޔާ ކަމަށާއި އެހެންވެ، މިދިޔަ ފަސް އަހަރު ތެރޭ، އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދަށް ވަނީ 18 މިލިއަން ރުފިޔާ އިތުރުވެފައި ކަމަށެވެ.

އިގުތިސާދުގައި ދައުރުވާ ފައިސާ ދަށްވީ ނެޓް ފޮރިން އެސެޓު ދަށްވުމުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. ނެޓް ފޮރިން އެސެޓު ވަނީ 31 ޕަސެންޓަށް ދަށްވެފައި ކަމަށާއި ނެޓް ފޮރިން އެސެޓް އެހާ ބޮޑަށް ދަށްވީ އެމްއެމްއޭއިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމާ ގުޅިގެން، އެ އިދާރާގެ ދަރަނި އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ނެޓް ފޮރިން އެސެޓް ދަށްވި ނަމަވެސް ނެޓް ޑޮމެސްޓިކް އެސެޓު ވަނީ ހަ ޕަސެންޓު އިތުރުވެފައި ކަމަށާއި ސަބަބަކީ ކޮމާޝަލް ބޭންކްތަކުން ޕްރައިވެޓް ސެކްޓަރަށް ދޫކުރި ފައިސާގެ އަދަދު އިތުރުވުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.